ރާއްޖޭގައި މުޅިން އަލަށް 'އޭ ޕްލަސް އީ' ނެޓްވޯކްސް ގެ ފަރާތުން ޗެނަލްތަކެއް ދޫކޮށްފިއެވެ. އެގޮތުން ތަފާތު އެކި ބައިތައް ހިމެނޭ ފަސް ޗެނަލެއް 'އޭ ޕްލަސް އީ' ނެޓްވޯކްސް ގެ ފަރާތުން "ދިރާގު ޓީވީ" އަށް މިއަދު ވަނީ ހަވާލު ކޮށްދެއްވާފައެވެ.
މިއަދު ހަވީރު ދިރާގު ހެޑް އޮފީހުގައި މިކަމާއި ގުޅިގެން ބޭއްވި ޚާއްސަ ޚަފްލާފައި، ދިރާގު ޓީވީ އަށް މިޗެނަލްތައް ހަވާލު ކޮށްދެއްވީ 'އޭ ޕްލަސް އީ' ގެ ފަރާތުން އެނެޓްވޯކްސް ގެ އޭޝިއާ ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕްރޭމް ކަމަތު އެވެ. އަދި މިޗެނަލްތަކާއި ދިރާގު ގެ ފަރާތުން ހަވާލުވެލެއްވީ ދިރާގު ގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދުއެވެ.
'އޭ ޕްލަސް އީ' އިން "ދިރާގު ޓީވީ" އަށް ހަވާލުކުރި ފަސް ޗެނަލަކީ:
- އެޗް (އެޗްޑީ) ހިސްޓްރީ
- އެފްވައިއައި
- އެޗް ޓޫ
- ކްރައިމް އިންވެސްޓިގޭޝަން
- ލައިފްޓައިމް
މިއަދުގެ މިޚަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގު ގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް އަޙްމަދު މަޢުމޫން ވިދާޅުވީ "ދިރާގު ޓީވީ" އިން ކުރިއަށް އޮތްތާވެސް މިފަދަ މަޝްހޫރު އަދި ކަސްޓަމަރުންނަށް ފައިދާހުރި ކޮންޓެންޓްސްތަކެއް އިތުރު ކުރާނެ ކަމަށެވެ.
'އޭ ޕްލަސް އީ' ނެޓްވޯކްސްގެ ޗެނަލްތައް ގާތްގަނޑަކަށް ދުނިޔޭގެ 200 އެއްހާ ޤައުމަކަށް ދޫކޮށްފައިވާ ކަމަށާއި އެލިސްޓަށް މިހާރު ރާއްޖެ އިތުރު ކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް 'އޭ ޕްލަސް އީ' ނެޓްވޯކްސް ގެ އޭޝިއާ ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕްރޭމް ކަމަތު ވިދާޅުވިއެވެ.