އަލީ ނަމަކަށް ކިޔާ ޕާކިސްތާނުގެ ޒުވާނެއް، އޭނާގެ ރަހްމަތްތެރިން ކުރި "ބެޓެއް" ކާމިޔާބު ކުރަން އުޅުމުގެ ތެރޭގައި، މިދުނިޔެއަށް އަލްވަދާއު ކިޔައިފިއެެވެ.
އަބޫތާބާދް ގެ ކޮހޯލާގައި އަލީ ވަނީ، އޭނާގެ ރަހުމަތްތެރިން ބުނެގެން، ޖެހްލޫމް ކޯރުގެ އެއްކޮޅުން އަނެއް ކޮޅަށް ފަތާފައި ދާން މަސައްކަތް ކޮށްފައެވެ. އޭނާއަށް އެމީހުން ކުރި ބެޓަކީ، އެކޯރުގެ އެއްކޮޅުން އަނެއްކޮޅަށް ފަތާފައި ގޮސްފިނަމަ، އޭނާއަށް 15،000 ރުޕީސް ދޭނެ ކަމަށެވެ.
މިހިތާމަވެރި ހާދިސާ، ނޭނގުމެއްގެ ތެރޭގައިވިޔަސް އަލީގެ ރަޙްމަތްތެރިއަކަށް ވަނީ ވީޑިއޯ ކުރެވިފައެވެ. އަދި މިވީޑިއޯ ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުން އެބަދެއެވެ.
ވީޑިއޯ އިން އެންމެ ފުރަތަމަ ފެންނަނީ، ކޯރަށް ފުންމާލަށް ގައުގަނޑެއްގެ މައްޗަށް އަރާ އަލީ ތައްޔާރަށް ހުންނަ މަންޒަރެވެ. ކޯރުގެ އޮއެވަރު ބާރުކަން އަލީ އަށް ވެސް ކޮންމެވެސް ވަރަކަށް އިޙުސާސް ކުރެވިގެން، ފުންމާނުލާނަމޭ ބުނާ އަޑުވެސް އިވެއެވެ. ނަމަވެސް ރަހްމަތްތެރިޔާ އެވަރަށް ކިޔާވަރުން، ދެން ފެންނަނީ އަލީ އޭނާގެ މަރަށް ފުންމާލާ މަންޒަރެވެ. ފަތަން އެނގުން ކަމުގައި ވިޔަސް، އަލީ އަށް ހިފެހެއްޓޭވަރަށް ވުރެ ކޯރުގެ އޮއެވަރު މާބާރުކަމުން، އޭނާ އެއޮއެވަރުގައި ޖެހި ބެހިގެން ދާމަންޒަރު ވެސް ފެނެއެވެ.
ވީޑިއޯ ކުރަން ހުރި ރަޙުމަތްތެރިޔާ ހުރީފުރަތަމަ މަޖާވެފައެވެ. ކަމެއް ގޯސް ވެއްޖެކަން އޭނާއަށް އިޙުސާސް ކުރެވުނީ އެހިސާބުގަނޑުގައި އެވަގުތު ތިބި ބައެއް މީހުން ހަޅޭލަވަން ފެށުމުން، އަލީއަށް މަދަދު ބޭނުން ވެއްޖެކަން އެނގުމުންނެވެ.
އަލީއަށް ވަމުން ދިޔަ ގޮތް ފެނުމުން އެވަގުތު އެތަނުގައި ތިބި އެންމެން ވެސް ހަޅޭލަވަމުން ދިޔައީ، އަލީ އަށް އެހީވުމަށެވެ. ނަމަވެސް، އޮއެވަރުބާރު ކޯރުގެ ތެރެއަށް އެކަކަށް ވެސް ފުންމާލާ، އަލީ ސަލާމަތް ކުރަން މަސައްކަތް ކުރާކަށް ނުކެރުނެވެ.
މިހާދިސާއަށް ފަހު ފުލުުހުން ވަނީ އަލީ ގެ ރަހުމަތްތެރިން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާގެ ރަޙްމަތްތެރިޔާ އަށް ކުރެވުނު ވީޑިއޯ ވީ، އަލީ ފުންމާލީ އޭނާގެ ރަހުމަތްތެރިންގެ ނުފޫޒުން ކަން ދައްކުވާދޭ ހެއްކަކަށެވެ.