އީރާނުގެ ހައްޖުވެރިންނަށް ޚާއްޞަ ޝަރުޠެއްވެސް ނުކުރަން- ޚާއްޞަ އިނާޔަތެއްވެސް ނުލިބޭނެ: ޕްރިންސް ޚާލިދު
ޙައްޖުވުމަށްޓަކައި އީރާނުން އަންނަ މީހުންނަށް އެއްވެސް ޚާއްޞަ ޝަރުޠެެއް ނުކުރައްވާ ކަމަށާއި އަދި އީރާނުން އައި މީހަކަށްވެގެން އެއްވެސް ޚާއްޞަ އިނާޔަތެއްވެސް ނުދެއްވާނެކަމަށް މައްކާގެ ގަވަރުނަރު ޕްރިންސް ޚާލިދް އަލް ފައިޞަލް ވިދާޅުވެއްޖެއެވެ.
ޕްރިންސް ޚާލިދު ވިދާޅުވީ ހައްޖުވުމަކީ ހުރިހާ މުސްލިމުންގެމައްޗަށް މާތްﷲ ފަރުޟު ކުރައްވަވާފައިވާ ވަރަށް މަތިވެރި އަޅުކަމަކަށްވާއިރު ޙައްޖުވުމުގައި އެއްވެސް މީހަކަށް ތަފާތު ނުކުރެވޭނެ ކަމަށެވެ. ސައުދީ ސަރުކާރުގެ ސިޔާސަތަކީ ހުރިހައި ޙައްޖުވެރިންނަށްވެސް ހަމަހަމަކަމާއިއެކު ޚިދުމަތް ދިނުން ކަމަށްވާއިރު އީރާނުން އަންނަ މީހުންނަށް ވެސް ޚިދުމަތތައް ހަމަހަމަކަމާއިއެކު ލިބޭނެ ކަމަށެވެ.
ޕްރިންސް ޚާލިދު ވިދާޅުވީ ޙައްޖުވެރިންނަށް ވީހައި ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ދަށުން މިހާރުވެސް އިތުރު 14 މަޝްރޫއެއް ހިނގަމުން ގެންދާއިރު އެއިގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ފުރިހމަކުރެވި މިހާރުވެސް ޚިދުމަތް ދެމުން ގެންދާ ކަމަށެވެ.
ހައްޖުގެ އަޅުކަމުގެ ތެރެއިން މުޒާހަރާތައް ކުރުން ފަދަ ކަންކަން ކުރަން އީރާނުގެ ހައްޖުވެރިން ކޮންމެ އަހަރަކުވެސް ދަނީ މަސައްކަތްކުރަމުންނެވެ. ސައުދިއަރަބިޔާއިން ބުނަމުން ގެންދަނީ ހައްޖަށް އަންނަނީ ސިޔާސީ ބޭނުންތައް ކުރިއަށް ނެރެ މުޒާހަރާ ކުރުން ފަދަ ކަންކަންކޮށް ހަމަނުޖެހުން ހިންގަން ނޫން ކަމަށެވެ. އެހެންކަމުން އެފަދަ އެއްވެސް ފުރުޞަތެއް އެއްވެސް ޤައުމެއްގެ ހައްޖުވެރިންނަށް ނުދޭނެ ކަމަށެވެ.