ޓްވިޓާއަށް ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯއެއްލުމުން، ރިޝީ ކަޕޫރާއި ދެކޮޅަށް ރިޕޯޓު ކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 32ސ
ޓްވިޓާއަށް ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯއެއްލުމުން، ރިޝީ ކަޕޫރާއި ދެކޮޅަށް ރިޕޯޓު ކޮށްފި
ޓްވިޓާއަށް ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯއެއް ލުމުން ބޮލީވުޑް ގެ މަޝްހޫރު އެކްޓަރ އަދި ރަންބީރު ކަޕޫރުގެ ބައްޕަ ރިޝީ ކަޕޫރާއި ދެކޮޅަށް، އެޑްވޮކޭޓް އަދި އިންޑިއާގެ "ޖައިހޯ" ފައުޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ އާދިލް ޚަތުރީ ރިޕޯޓު ކޮށްފިއެވެ.

'އިންޑިއަން އެކްސްޕްރެސް' އަށް މަޢުލޫމާތު ދެއްވަމުން އެޑްވޮކޭޓް ޚަތުރީ ވިދާޅުވީ، ޓްވިޓާއަށް ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯއެއް ލުމުން ރިޝީ ކަޕޫރާއި ދެކޮޅަށް މުމްބައި ޕޮލިސް ކޮމިޝަނަރ އަށާއި، މުމްބައި ސައިބާ ސެލް އަދި މިނިސްޓްރީ އޮފް ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމެންޓް ގައި ރިޕޯޓުކޮށްފައިވާނެ ކަމަށެވެ.

އެޑްވޮކޭޓް ޚަތުރީ ވިދާޅުވީ ރިޝީ ކަޕޫރު އޭނާގެ ޓްވިޓާގައި ވަރަށް ގިނައިން އެފަދަ ނޭދެވޭ އަދި ބޭއަދަބީ އެއްޗެހި ހިއްސާ ކުރާކަން ފާހަގަ ކުރެވޭކަމަށާއި، އެއީ ހުއްޓުވަން ޖެހޭ ކަންތައް ކަމަށެވެ.

"އެފޮޓޯއިން ފެންނަނީ ބަރަހަނާކޮށް އޮތް ކުޑަކުއްޖެއް. އަހަރުމެންނަކަށް ނޭނގެ އެއީ ކޮން ކުއްޖެއް ކަމެއް. އެކަމަކު އެކުއްޖާ ބަރަހަނާކޮށް އޮތް އިރު، އެކުއްޖާގެ ޖިންސީ ގުނަވަނަށް ހެޑްފޯނެއް ޖަހާފައި ހުރި މަންޒަރު އެފޮޓޯއިން ދައްކުވާދޭތީ، އެއީ އާއްމު މުޖުތަމައުގައި ހިއްސާ ކުރާވަރަށް ވުރެ ނޭދެވޭ ފޮޓޯއެއްކަމަށް ޤަބޫލު ކުރެވޭ" އެޑްވޮކޭޓް ޚަތުރީ ވިދާޅުވިއެވެ.

ރިޝީ ކަޕޫރާއި ދެކޮޅަށް ކޮށްފައިވާ ރިޕޯޓުގައި އެޑްވޮކޭޓް ޚަތުރީ ވިދާޅުވެފައިވަނީ ރިޝީ ކަޕޫރުގެ ޓްވިޓާގައި 2.6 މިލިއަނެއްހާ ފޮލޯވަރުން ތިބިއިރު، މިހާރުވެސް އެފޮޓޯ އަށް 376 ލައިކްސް ލިބިފައިވާ ކަމަށާއި 62 މީހުން އެފޮޓޯ ރީޓްވީޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކުޑަކުއްޖާގެ ބަރަހަނާ ފޮޓޯ މިހާރުވެސް 2.6 މިލިއަނެއްހާ މީހުންގެ މެދުގައި ދައުރުވެއްޖެކަން އެޑްވޮކޭޓް ޚަތުރީ ވަނީ ފާހަގަ ކުރައްވާ އެއީ ވަރަށް ހިތާމަހުރި ކަމެއްކަން ވެސް ފާހަގަ ކުރައްވާފައެވެ.

މިކަމާއި ގުޅިގެން އިންޑިއާ ގެ މީޑިއާތަކުން ރިޝީ ކަޕޫރުގެ ބަހެއް ލިބޭތޯ މަސައްކަތް ކުރުމުން، އޭނާވަނީ މިކަމާއިމެދު އެއްވެސް އެއްޗެއް ބުނުމަށް އިންކާރު ކޮށްފައެވެ. ނަމަވެސް މިހާރު އެފޮޓޯ ރިޝީ ކަޕޫރުގެ ޓްވިޓާ އެކައުންޓުން ފެންނާކަށް ނެތެވެ.

މިއީ އާއްމުންނަށް ބަލައި ނުގަނެވޭ އެއްޗެއް ޓްވިޓާގައި ރިޝީ ކަޕޫރު ހިއްސާ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާއަކީ ވަރަށް ގިނައިން މީހުންނާއި ދިމާލަށް ނޭދެވޭ ބަސްބުނެ، ޓްވިޓާގައި ވަރަށް ގިނަ މީހުންގެ ނުރުހުން ހޯދާފައިވާ ތަރިއެކެވެ. އެގޮތުން ވަރަށް ފަހުން ރިޝީ ކަޕޫރް ވަނީ، ރަންބީރް ކަޕޫރާއި ކެޓްރީނާ ކެއިފް އެކްޓު ކުރި "ޖައްގާ ޖާސޫސް" ކާމިޔާބު ނުވުމުގެ ސަބަބުން، އެފިލްމުގެ ޕްރޮޑިއުސަރ އަނޫރާގް ބާސޫ އާއި ދިމާލަށް ވެސް ޓްވިޓާގައި ބަސްބުނެފައެވެ.

ބައްޕަ، ރިޝީ ކަޕޫރު، ގެ މިފަދަ ނޭދެވޭ އަޚުލާޤާއި ބެހޭ ގޮތުން ކީކޭތޯ ބުނާނީ، އިންޑިއާގެ މީޑިއާ ތަކުން ރަންބީރު އާއި ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އޭނާއަކީ އޭނާގެ ބައްޕަ ބުނާ ކޮންމެ އެއްޗެއް ސީރިއަސްކޮށް ނަގާ މީހެއް ނޫން ކަމަށެވެ.
މިއަދު އޮންލައިން