ކޮންމެ އަހަރެއްގެ ޢަރަފާތު ދުވަހު ބަދަލުކުރަމުން ގެންދާ މައްކާގެ ހަރަމްފުޅުގެ އުރަކޮޅު ބަދަލުކުރުމަކީ ކަވި އަދި ބުރަ މަސައްކަތެކެވެ.
މިމަސައްކަތަށްޓަކައި ސައުދީ ރަސްގެފާނު އުފައްދަވާފައިވާ ފެކްޓްރީގައި އުރަކޮޅުގައި ރަނާއި ރިހީގެ ރޮދިން ލިޔުމުގެ މަސައްކަތްކުރަނީ އުމުރުން 40 އަހަރާއި 50 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ.
1962 ވަނަ އަހަރާއި ހަމައަށް ޙަރަމްފުޅުގެ އުރަކޮޅު ވިޔަމުން އައީ މިޞުރުގައެވެ. އެއަށްފަހު ވިޔަމުން ގެންދަނީ ސައުދިއަރަބިޔާގައެވެ.
ސަލްމާން ރަސްގެފާނު މިހާރުވެސް ވަނީ ކުރިއަށް އޮތް 30 އަހަރަށް ދަތިނުވެ އުރަކޮޅު ތައްޔާރުކުރެވޭނެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވައިފައެވެ.
ޙަރަމްފުޅުގެ އުރަކޮޅު ތައްޔާރުކުރަނީ ސިލްކުންނެވެ. 670 ކިލޯ ސިލްކް އުރަކޮޅު ހެދުމަށް ބޭނުންކުރެވެއެވެ. އުރަކޮޅުގެ އުސްމިނަކީ 50 ފޫޓެވެ. ފުޅައު މިނަކީ 35 - 40 ފޫޓެވެ.