ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރަން، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރު މައްކާއަށް ދިޔަ ޙައްޖާޖީންގެ އަދަދު، 1.4 މިލިއަނަށް ވުރެ ގިނަ އަދަދަކަށް އަރައިފި ކަމަށް ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ޕާސްޕޯޓްސް (ޑީޖީޕީ) ގެ އަންދާސީ ހިސާބުތަކުން ދައްކައިފިއެވެ.
މިހިނގާ އޯގަސްޓް މަހުގެ 24 އާއި ހަމައަށް ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމު އުޅަނދުތަކުން މައްކާއަށް ޙައްޖާޖީން ދިޔަ އަދަދަށް ބަލާއިރުވެސް، މިދިޔަ އަހަރަށް ވުރެ %32 އިތުރަށް ޙައްޖާޖީން މައްކާއަށް ގޮސްފައިވާ ކަމަށް ޑީޖީޕީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޑީޖީޕީ އިން ބުނެފައިވަނީ، ވައިމަގުން މައްކާއަށް ދިޔަ ޙައްޖާޖީންގެ އަދަދު މިހާރުވެސް 1،400،670 އަށް އަރައިފި ކަމަށާއި އެއްގަމު މަގުން މައްކާއަށް ދިޔަ ޙައްޖާޖީންގެ އަދަދު 83،056 އަށް އަރައިފި ކަމަށާއި އަދި ކަނޑުމަގުން ޙައްޖަށް ދިޔަ ޙައްޖާޖީންގެ އަދަދު 13،369 އަށް އަރައިފި ކަމަށެވެ.