ސަލާމް ލެއްވެވި އިބްރާހީމްގެ ފާނުގެ އަނބިކަނބަލުން ހާޖަރު ދެއްކެވި ނަމޫނާއަކީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށާއި އެކަމަނާގެ ނިންމެވުން އަޅުގަނޑުމެން އެންމެން ޤަބޫލުކުރާނަމަ ހަޔާތުގެ ހުރިހާ ކަމެއްވެސް ދާނީ ކާމިޔާބުވަމުން ކަމަށް އައްޝައިޚް ޢަޒްމަތު ޖަމީލް ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަޒްމަތު ޖަމީލް ވިދާޅުވީ އަހަރުގެ ދުވަސްތަކުގެ ތެރެއިން މާތް ﷲ އެންމެ މާތް ކުރައްވަވާފައިވަނީ ހައްޖު މަހުގެ ފުރަތަމަ 10 ދުވަސް ކަމަށާއި މިފަދަ މާތް ދުވަސްތަކެއް ހޭދަކުރަމުން ގެންދާއިރު މިދުވަސްތަކާއި ގުޅިގެން ހިނގާފައިވާ ކަންކަން ހިތްތަކަށް ގެނެސް ޢިބްރަތް ހާޞިލުކުރަންޖެހޭނެ ކަމަށެވެ.
ޝައިޚް ޢަޒްމަތު ވިދާޅުވީ ފެންފޮދެއް، ގަހެއް ރުކެއް ނެތް އަދި އެއްވެސް ބައަކު ދިރިނުއުޅޭ ހަނަފަސް ސަހަރާއެއްގައި ފަރުބަދަތަކެއްގެ ތެރެއަށް ހާޖަރު އާއި ތުއްޕުޅު ދަރިކަލުން އިސްމާޢީލްގެފާނު ދޫކުރައްވައި އިބްރާހީމްގެފާނު ވަޑައިގަންވަން ފެށްޓެވުމުން ހާޖަރު ކުރެއްވެވީ ހަމަ އެންމެ ސުވާލެއް ކަމަށެވެ. އެއީ އެކަން އެގޮތަށް ކުރައްވަވަނީ މާތް ﷲ ގެ އަމުރުފުޅަށް ކަމާއިމެދުގައިތޯއެވެ. އަދި އެކަން އެކުރައްވަވަނީ މާތް ﷲ ގެ އަމުރުފުޅަށްކަން އެނގިވަޑައިގަތުމުން ހަމައެކަނި ވިދާޅުވި ބަސްފުޅަކީ "އެހެންކަމަށްވާނަމަ މާތް ﷲ ތިމަންމެންނަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވަވާނެ" ކަމަށެވެ.
ޝައިޚް ޢަޒްމަތު ވިދާޅުވީ އެކަން އެކުރެއްވެވީ މާތް ﷲ ގެ އަމުރުފުޅަށްކަން އެނގިވަޑައިގަތުމާއިއެކު އެ ހަނަފަސް ވާދީގައި އެއްވެސް ބައަކު ދިރިނުއުޅޭ ސަރަހައްދަކަށް ދެ މައިކަނބަލުން ދޫކުރައްވަވައި އިބްރާހީމްގެފާނުި ވަޑައިގަތުމާއިމެދު ހާޖަރު އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ކެތްތެރިވެވަޑައިގެން މާތް ﷲ އަށް ވަކީލު ކުރެއްވެވި ކުރެއްވުމަކީ ޢިބްރަތުން ފުރިގެންވާ ނަމޫނާއެއް ކަމަށެވެ.
އެކަމުގެ ސަބަބުން ޒަމްޒަމްވަޅުފުޅު އުފެދުނު ގޮތާއި މިއަދު މިފެންނަ މައްކާ އާބާދުވެގެން އައިސްފައިވާ ގޮތް ޝައިޚް ޢަޒްމަތު ޖަމީލް ވިދާޅުވެދެއްވެވިއެވެ.
އިސްމާޢީލްގެފާނުގެ ފައިންޕުޅުދަށުން ފެންއާރު ފެނިވަޑައިގަތުމުން ފެންގަނޑުވަށައި ހިލަޖައްސަވައި އެތަނުން ފެންތައް ގެއްލިގެން ނުދާނެ ގޮތް ހެއްދެވީ ހާޖަރުއެވެ. އެއީ މިއަދުގެ ޒަމްޒަމްވަޅުކޮޅެވެ. ހައްޖުވެރިންނާއި އެހެންވެސް ގިނަ ބައަކު މިއަދުވެސް ބޭނުންކުރަމުން މިގެންދަނީ އެވަޅުކޮޅުގެ ފެނެވެ. އެހެންކަމުން ހާޖަރުގެ މަތިވެރި ޚިދުމަތް ދުނިޔެ ނިމުމާއި ހަމައަށް ދެމިގެންދާނެއެވެ.
މައްކާ އާއި ޒަމްޒަމްވަޅުކޮޅުގެ ތާރީޚް ވަނީ އެކަމަނާ އާއި ގުޅިފައެވެ. ދުނިޔެ ނިމެންދެންވެސް މިވާހަކަތައް ދެމިގެންދާނެއެވެ. މިހުރިހައިކަމެއް ގޮސް ހުއްޓެނީ އެކަމަނާ މާތް ﷲ އަށް ވަކީލް ކުރެއްވެވި ކުރެއްވެވުމާއިއެވެ.
ކަންކަން މިފަދައިން ފެންނަން ހުރިއިރުވެސް ދަލީލުތަކާއި ހެކިތައް މިހައި ފުރިހަމައަށް އެނގި ފެންނަން ހުރިއިރުވެސް މާތް ﷲ އަށް ވަކީލުކުރުމުގައި އަޅުގަނޑުމެން މިއަދު މިތިބަ ހާލަތައް ވިސްނައިލުން ވަރަށް މުހިންމެވެ. މިފަދަ ކަންކަމުން އިބްރަތް ހާޞިލުކުރާމީހުންނަށް މަގުގެއްލިގެނެއް ނުދާނެއެވެ.