ﷲ ގެ ޙަޟްރަތުގައި ކާމިޔާބު މީހަކަށް ވެވޭނީ ކިހިނެއް؟

ކިޔުމަށް ހޭދަވާނީ 5މ 53ސ
ﷲ ގެ ޙަޟްރަތުގައި ކާމިޔާބު މީހަކަށް ވެވޭނީ ކިހިނެއް؟

މަރްޔަމް ސާޖިދާ

 

މިއަދުގެ ދުނިޔޭގައި "ކާމިޔާބީ" މި ލަފްޒު މާނަކުރެވޭ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި ކާމިޔާބީއަކީ ބޮޑެތި މަޤާމުތައް ލިބުމެވެ. ނުވަތަ ބޭންކް އެކައުންޓުގައި ގިނަ އަދަދަކަށް ފައިސާ ހުރުމާއި، މީހުންގެ މެދުގައި މަޝްހޫރުވުމެވެ. ނަމަވެސް، މާތް ﷲ ސުބުޙާނަހު ވަތަޢާލާގެ ކަލާމްފުޅު، ކީރިތި ޤުރުއާނުގައި، ކާމިޔާބީ މާނަކުރައްވާފައިވަނީ މިއާ މުޅިން ޚިލާފަށެވެ. 

ކީރިތި ޤުރުއާނުގެ سورة الشمسގައި، އިރާއި ހަނދާއި، ރޭގަނޑާއި ދުވާލާއި، އުޑާއި ބިން ފަދަ މަތިވެރި މަޚްލޫޤާތްތައް ގަންދެއްވައި ހުވާ ވަޙީކުރެއްވުމަށްފަހު، މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. 

"އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ." (سورة الشمس: 9-10) 

އިންސާނާގެ ނަފްސަކީ ރީތި ބަގީޗާއެއް ފަދަ އެއްޗެކެވެ. ބަގީޗާއެއް ރީތިކޮށް ބޭއްވުމަށްޓަކައި، އެތަނުގައި ފަޅާ ވިނަތައް ނޮޅައި، ގަސްތަކަށް ފެންދީ، ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ހަމައެފަދައިން، އިންސާނާގެ ނަފްސު ޠާހިރުކުރުމަކީ، އެ ނަފްސުގައި އުފެދޭ ނުބައި ސިފަތައް ކަމުގައިވާ ޙަސަދަވެރިކަމާއި، ބޮޑާކަމާއި، ދަހިވެތިކަމާއި، ރުޅިވެރިކަން ފަދަ "ވިނަތައް" ނޮޅައި ސާފުކުރުމެވެ. އަދި އޭގެ ބަދަލުގައި ތަޤުވާވެރިކަމާއި، އިޚްލާޞްތެރިކަމާއި، މަޑުމައިތިރިކަމާއި، ހެޔޮ ޢަމަލުތަކުގެ "ގަސްތައް" އިންދައި ހެއްދުމެވެ.

ނަފްސަށް އުނިކަން ދިނުމަކީ ކޮބައިހެއްޔެވެ؟ 

އާޔަތުގައި "ނަފްސަށް އުނިކަން ދިނުން" (دَسَّاهَا) ގެ މާނައަކީ، ފާފަތަކާއި ނުބައި ޢަމަލުތަކުގެ ތެރެއަށް ނަފްސު ވައްޓާލައި، އެ ނަފްސުގެ ޤަދަރާއި ޝަރަފު ގެއްލުވާލުމެވެ. އިންސާނާގެ ފިޠުރަތުގައިވާ ސާފުކަން، ދުނިޔަވީ އެދުންތަކާއި ނުބައި އާދަތަކުގެ ސަބަބުން ފޮރުވާލުމެވެ. 

ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. "عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ "‏ إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ ‏:‏ ‏‏(‏ كلاَّ بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ ‏)‏ ‏" ‏ ސުނަނުއް ތިރްމީޛީ 

މާނައީ: މާތް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "

ހަމަކަށަވަރުން އަޅަކު ފާފައެއް ކޮށްފިނަމަ، އޭނާގެ ހިތުގައި ކަޅު ތިއްކެއް ޖެހެއެވެ. ދެން އޭނާ އެ ފާފައިން ދުރުހެލިވެ، ފާފަފުއްސެވުމަށް އެދި އިސްތިޣްފާރުކޮށް، ތައުބާވެއްޖެނަމަ، އޭނާގެ ހިތް ސާފުވެ އަލިވެގެންދެއެވެ. އަދި އޭނާ އެނބުރި އެ ފާފައަށް އަރައިގެންފިނަމަ، އެ ކަޅުތިކި ބޮޑުވަމުންގޮސް މުޅި ހިތް ފޮރުވާލައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ 'رَانَ' (ދަބަރު ނުވަތަ ކިލަނބުކަން) އަކީ އެއީއެވެ: 'ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! އެއުރެން ހޯދައިއުޅުނު (ނުބައި) ޢަމަލުތަކުގެ ސަބަބުން، އެއުރެންގެ ހިތްތަކުގައި ވަނީ ދަބަރު ޖަހައިފައެވެ.' (سورة المطففين 14)

މި ޙަދީޘުން އެނގޭ ގޮތުގައި، އަޅުގަނޑުމެން ކުދިކުދި ކަންކަމޭ ހީކޮށް ކުރާ ފާފަތަކުންވެސް ހިތުގައި ކަޅު ތިކިތައް ޖެހެއެވެ. ތައުބާ ނުވެ އެ ފާފަތައް ތަކުރާރުކުރާނަމަ، އެ ކަޅުތިކިތައް ބޮޑުވެ މުޅި ހިތުގައި ދަބަރު ޖަހައި، ޙައްޤާއި ބާޠިލު ވަކިކުރުމުގެ ނޫރު އެ ހިތުން ފިލައިގެންދެއެވެ. ނަފްސު ކިލަނބުވެ ނާކާމިޔާބުވުމަކީ މިއީއެވެ. 

ނަފްސު ޠާހިރުކޮށް ހިތް އަލިކުރާނީ ކިހިނެއްހެއްޔެވެ؟ 

ނަފްސު ޠާހިރުކުރުމަކީ އެއްދުވަހަކުން ނިމޭ ކަމެއް ނޫނެވެ. އެއީ މުޅި ޢުމުރަށް ދެމިގެންދާ ޖިހާދެކެވެ. ހިތުގައި ޖެހޭ ކަޅުތިކިތައް ފިލުވައި ނަފްސު ސާފުކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ބައެއް ކަންކަމަކީ:  

• އަވަހަށް ތައުބާވުމާއި އިސްތިޣްފާރުކުރުން: ފާފައެއް ކުރެވޭ ކޮންމެ ފަހަރަކު، އެ ކަޅުތިކި ބޮޑުވުމުގެ ކުރިން ލަސްނުކޮށް މާތް ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. އަޅުގަނޑުމެން އިންސާނުންނަކީ އެނގުމާއި ނޭނގުމުގެ ތެރޭގައި ފާފަކުރެވޭ ބައެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ފާފާ ފުއްސެވުންއެދި އިސްތިޣްފާރު ކުރާށެވެ.

• އަމިއްލަ ނަފްސު ހިސާބުކުރުން: ކޮންމެ ދުވަހަކުވެސް ނިދުމުގެ ކުރިން، އެ ދުވަހު ކުރެވުނު ހެޔޮ ކަންކަމާއި ނުބައި ކަންކަމާ މެދު ވިސްނާ، އަމިއްލަ ނަފްސު ހިސާބު ކޮށްލާށެވެ.

• ހެޔޮ ޢަމަލުތައް ގިނަކުރުން: ނަމާދަށް ރައްކާތެރިވުމާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ދިނުން ފަދަ އަޅުކަންތަކުން ހިތް އާރާސްތުކުރާށެވެ.

• ހެޔޮ ލަފާ އެކުވެރިން ޚިޔާރުކުރުން: ތިމާއަށް ހެޔޮ މަގަށް ހިތްވަރުދޭ، ރިވެތި އަޚްލާޤުގެ ވެރިންނާއެކު ވަގުތު ހޭދަކުރާށެވެ.

އެހެންކަމުން، ޙަޤީޤީ ކާމިޔާބީއަކީ މީސްތަކުންގެ ކުރިމަތީގައި ތިމާގެ އަގު އުފުލުމެއް ނޫނެވެ. އެއީ ﷲ ގެ ޙަޟްރަތުގައި ތިމާގެ ހިތާއި ނަފްސު ކިލަނބުކަމުން ސާފުވެ، ޠާހިރުވުމެވެ. އެހެނީ، ދުނިޔޭގެ ހުރިހާ އުފަލެއް ހޯދި ނަމަވެސް، ފާފަތަކުގެ ސަބަބުން ހިތް ކަޅުވެ ނަފްސު ކިލަނބުވެފައިވާ މީހާއަކީ ގެއްލެނިވެގެންވާ މީހެކެވެ. އަދި ދުނިޔޭގެ މާ ބޮޑު މުއްސަނދިކަމެއް ނެތް ނަމަވެސް، ތައުބާއާއި ހެޔޮ ޢަމަލުން ނަފްސު ޠާހިރުކޮށްފި މީހާއަކީ ދެދުނިޔޭގެ ކާމިޔާބީ ލިބިގެންވާ ނަސީބުވެރިއެކެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން