ވ. އަތޮޅުގެ ތިންރަށަކަށް ދިރާގުން ބްރޯޑްބޭންޑުގެ ޚިދުމަތް ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ވ. އަތޮޅުގެ ތިންރަށަކަށް ދިރާގުން ބްރޯޑްބޭންޑުގެ ޚިދުމަތް ދީފި
ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން ވ. އަތޮޅުގެ 3 ރަށަކަށް މި ހިދުމަތް ދީފިފިއެވެ.

ހިދުމަތް ދެވުނު 3 ރަށަކީ ވ. ކެޔޮދޫ، ވ.ފުލިދޫ އަދި މީގެ ތެރޭގައި ދިވެހި ރާއްޖޭގައި އެންމެ އާބާދީ މަދު އެއް ރަށް ކަމުގައިވާ ވ. ތިނަދޫ ވެސް ހިމެނެއެވެ.

މީގެން ދޭހަވާ ކަމަކީ ދިރާގުން ރާއްޖޭގެ އެންމެ ބޮޑުން ފެށިގެން ކުދި ރަށްތަކަށްވެސް ފަހުގެ ޓެކްނޮލޮޖީ އަށް ބިނާވެފައި އޮންނަ މުވާސަލާތުގެ ހިދުމަތް ފޯރުކޮށްދިނުމަށް އިސްކަންދޭ ކަމެވެ.
މިތިން ރަށުގައި ވެސް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފު ކުރުމުގެ ގޮތުން ވަނީ ޚާއްޞަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައެވެ.

ދިރާގުންބުނެފައިވަނީ މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ ޚިދުމަތައް އެދޭ ފަރާތްތަކަށް، ފައިބަރ ބްރޯޑްބޭންޑް ގުޅައިދިނުމުގެ ފީ މުޅިން ހިލޭ ފޯރުކޮށްދޭނެކަމަށެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސްއާއި ހަމަޔަށް ހިމެނޭ އަދި އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްވެސް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުން ފައިބަރ ނެޓްވޯކް ޤާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ،ކ.ތުލުސްދޫ، ކ. ދިއްފުށި، ކ. ގުރައިދޫ، ލ. ގަން، ލ. ފޮނަދޫއަދި ބ. ދަރަވަންދޫގައި އެވެ.


މިއަދު އޮންލައިން