އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ބަންގި ގޮވުމުން ނަމާދަށް ދިއުން ވެފައި އޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ. އަދި ފަހުން ނަމަވެސް ހަމަ "ބިޒީ" ކަމުން އޮންނަނީ ނަމާދު ނުކުރެވިފައެވެ. ނަމަވެސް އެފަދަ މީހުން ކުރާ މަސައްކަތް ހުއްޓާލައި 15 މިނިޓަށްވުރެ ގިނަ ވަގުތު ސިގިރެޓް ބުއިމާއި މަޖާކުރުން ފަދަ ކަންކަމުގައި ހޭދަކުރެއެވެ.
ދީނީ އިލްމުވެރިން ވިދާޅުވަނީ ފަރުޟު 5 ނަމާދުކުރުމަށް އަމުރުފުޅު ކުރައްވަވާފައިވަނީ މާތް ﷲ ކަމަށާއި ނަމާދު ނުކުރުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެ ކަމަށެވެ. ފަރުޟު 5 ނަމާދު ނުކުރުމަކީ މީސްތަކުންނަށް ނުކުރެވޭނެ ކަމެއް ނަމަ އެކަން ކުރުމަށް މާތް ﷲ އަމުރުފުޅު ނުކުރައްވަވާނެ ކަމަށެވެ.
އެކަމުގެ ހެކި ދައްކަވަނީ ބަޤަރާ ސޫރަތުގެ ފަހު އާޔަތުންނެވެ. އެއްވެސް ނަފުސަކަށް ނުއުފުއްލޭވަރުގެ ތަކުލީފެއް ތިމަން ﷲ ނުޖައްސަވާކަމަށް ބަޔާންކުރައްވަވާފައި އޮތް އޮތުމެވެ.
"މާތްﷲ އަނަގަވަނީ ކަލެއަށް 5 ނަމާދުކުރެވޭނެކަމަށް. ކަލޭ ތިބުނަނީ އެއީ މާބުރަކަމެއް ކަމަށާ އެކަން ނުކުރެވޭނެކަމަށް. ކިހިނެއް މިކަން ޤަބޫލުކުރާނީ. ކަލެއަށް ތިއަ ހެދެނީ ބޮޑު ދޮގެއް ކަލޭގެ އަމިއްލަ ނަފުސަށްވެސް. ފަހަރެއްގައި އެއީ ކަލޭގެ ކަންނެތްކަމުގެ ސަބަބުން ކަމަށްވެސް ވެދާނެ. އެއީ ނަމާދު އެޅޭނެ (ނަމާދު ނުކުރުން ހުއްދަ ކުރެވޭނެ) ސަބަބެއް ނޫން."
"މުސްލިމެއް ކަމަށްވާނަމަ ނަމާދުކުރެވޭނެ. އެމީހަކު ހުރިތަނެއްގައި ހުރެގެން ވެސް ނަމާދުކުރެވޭނެ. ދުވާލަކު 5 ނަމާދުކުރަން އަމުރުފުޅުކުރެއްވެވީ މާތްﷲ. އަހަރެމެންނަށް ޖެހޭނީ ކިޔަމަންވާން. އެކަން ކުރަން. އެކަން ނުކުރަން ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެ." އެވެ.
ގުޅުންހުރި ވީޑިއޯ