ކެނެޑާގައި މާބަނޑު އަންހެނަކު ގެއްލިގެން ދެދުވަސް ވަންދެން ހޯދަމުން ދަނިކޮށް، އުތުރު ޑަކޯޓާ ގެ ކޯރަކުން ފެނިއްޖެއެވެ. ނަރސިންގ އެސިސްޓެންޓެއް ކަމަށްވާ އުމުރުން 22 އަހަރުގެ ސެވާނާ ގްރޭވިންޑް ގެއްލިގެން ފެނުން އިރު އޭނާގެ ބަނޑުގައި އޮތް ދަރިފުޅެއް ނެތެވެ.
ކެނެޑާގެ މީޑިއާ ރިޕޯޓްތަކުން މަޢުލޫމާތު ލިބޭ ގޮތުގައި، ސެވާނާ މަރާލާ، ބަނޑުގައި އޮތް ދަރިފުޅު ނެގިއިރު އޭނާގެ ބަނޑަށް ވާނީ އަށް މަހެވެ. ފުލުހުން ބުނި ގޮތުގައި ބަނޑުގައި އޮތް ދަރިފުޅު ނަގާފައިވަނީ ސެވާނާގެ ބަނޑު ފަޅާލައިގެންނެވެ.
ސެވާނާ ދިރިއުޅެމުން ދިޔައީ ފާގޯ ގައި އޭނާގެ މައިންބަފައިންނާއި އެކުއެވެ. ނަމަވެސް އެދުވަހު އޭނާ ދިޔައީ، ފެހުމުގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް އަވައްޓެރިއަކާއި ބައްދަލު ކޮށްލުމަށެވެ.
މީޑިއާ ރިޕޯޓުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސެވާނާ ގެއްލިގެން ފަސް ދުވަސް ވީފަހުން އަވައްޓެރިޔާގެ ގެއިން ދެދުވަސްވީ ތުއްތު އަންހެން ކުއްޖެއް ވަނީ ފެނިފައެވެ. އަދި ޑީއެންއޭ ޓެސްޓެއް ހެދުމުން، އެއީ ސެވާނާގެ ތުއްތު ދަރިފުޅުކަން ވަނީ ސާބިތުވެފައެވެ.
ސެވާނާގެ އަވައްޓެރިން ކަމުގައިވާ އުމުރުން 38 އަހަރުގެ ބްރޫކް ކްރޫސް އާއި 32 އަހަރުގެ ވިލިއަމް ހޮއޭސް މިހާރުވަނީ މިމައްސަލައިގެ އިތުރު ތަޙުޤީޤަށް ހައްޔަރު ކޮށްފައެވެ. އަދި ސެވާނާގެ ދަރިފުޅު މިހާރުވަނީ ސެވާނާގެ މައިންބަފައިންނާއި ހަވާލުކޮށްފައެވެ.