މިރޭގެ ފަތިސް ނަމާދުން ފެށިގެން މާތްވެގެންވާ އަރަފާތު ދުވަހަށް ފެށުނީއެވެ. ހައްޖަށް ގޮސް ތިބި އެންމެން މިރޭގެ އިރުރުއެރުމުގެކުރިން މިނާއި މައްކާއަށް ދާނެއެވެ.
ޙައްޖަށް ގޮސްތިބި 2 މިލިއަނަށްވުރެ ގިނަ މީހުން އަރަފާތު ދުވަސް ހޭދަކުރާނީ އަރަފާތު ބިމުގައެވެ. ހުސްބިމުގައި ޖާގަފުރި ބާރުވެގެންވެސް ގިނަ ބައަކު މަސައްކަތްކުރާނީ އަރަފާތު ފަރުބަދަ ކައިރީ ހުސްބިމުގައި ތިބުމަށެވެ. ކިތަންމެ ޙޫނު ގަދަވި ނަމަވެސް އެކަމަށް ބެލުމެއް ނެތިއެވެ.
އެބިމުން ޖާގަނުލިބުނު މީހުންނާއި އެހެންވެސް އެތައް ހާސް ބައަކު ފޭލިގެތަކުގައިވެސް ތިބެއެވެ. ފޭލިގޭ ކައިރީ ހުސް ބިންތަކުގައިވެސް ތިބެއެވެ. ކޮންމެ މީހަކުހެން ބޭނުންވާނީ އުޑު ފެންނަ ތަނެއްގައި ދުވަހުގެ ވަގުތުތައް ހޭދަކުރުމަށެވެ.
އެބައިމީހުން މުޅި ދުވަސް ހޭދަކުރާނީ އަޅުކަމުގައެވެ. ހެޔޮ ދުޢާތައް ކުރުމުގައެވެ. ފާފަފުއްސެވުން އެދިއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދިއެވެ.
ޢަރަފާތު ބިމަށް ދިއުމުގެ ނަޞީބު މިއަހަރު ނުލިބުނު މީހުންނަށް އޮތީ އަރަފާތު ދުވަހު ރޯދަ ހިފުމެވެ. ވިސްނަވާށެވެ. ރަމަޟާން މަހާއި ޝައްވާލު މަހުން 6 ދުވަހު ރޯދަ ހިފުމުން ލިބެނީ މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ސަވާބެވެ. ޢަރަފާތު ދުވަހުގެ ރޯދައިގައި މާތް ﷲ ވަނީ 2 އަހަރު ދުވަހުގެ ރޯދައިގެ ސަވާބު ލައްވަވައިފައެވެ. ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. ނަމަވެސް ސަވާބު ފުންޏެއް ލިބެން އޮތް މަތިވެރި ސުންނަތެކެވެ.
މިފަދަ މަތިވެރި ދުވަހެއް އަޅުގަނޑުމެންނާއި ބައްދަލުކުރުމުގެ ނަޞީބު މިންވަރުފުޅު ކުރެއްވެވިކަންމައްޗަށް މާތް ﷲ އަށް ހަމްދާއި ޝުކުރުކުރަޖެހެއެވެ. އެގޮތުންވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ މާތް ﷲ ގެ މަގަށް ރުޖޫއަވުމެވެ. އަދުލުވެރިކަން އިސްކުރުމެވެ. ހަމައާއި އިންސާފު އިސްކުރުމެވެ. މާތް ﷲ އަށް ބިރުވެތިވެ ޢަދުލުވެރިކަން ކުރިއަށް ނެރެ ހަމަ އާއި އިންސާފުން އަމަލުކުރާ މީހާގެ ދެންހުރި އަމަލުތައް ހުންނާނީ ސީދަލަށެވެ. އެފަދަ މީހަކު ނަމާދެއް ނުއަޅާނެއެވެ. ދޮގެއް ނުހަދާނެއެވެ. އެއްވެސް މީހެއްގެ ހައްޤަކަށް އަރައެއް ނުގަންނާނެ އެވެ.
އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ. ތިމާގެ ބެލުމުގެދަށުގައިވާ އެންމެންގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާނެއެވެ. އެހެންކަމުން އެފަދަ މީހުންގެ އަނބިދަރިންނާއި ޢާއިލާތައް ތިބޭނީ ހަމަ ވަރަށް އުފަލުންނެވެ.