ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މާލޭސިޓީން ބޭރުގައި ބާއްވާ ފުރަތަމަ އިވެންޓު ކަމަށްވާ "ރަން އިން އައްޑޫ" ގެ ފުލް މެރެތަން ނުވަތަ 42 ކިލޯމީޓަރ ދުވުމުގެ ހުރިހާ ޖާގައެއް ފުލްވެފައިވާކަމަށް ޓީއެފްޖީއިން ބުނެފިއެވެ.
ޓީއެފްޖީގެ ޑިރެކްޓަރ މުޙައްމަދު މިސްތޯ ވިދާޅުވީ ފުލް މެރަތަން ދުވުންތެރިންނަށް ކަނޑައެޅި ޖާގަ މުއްދަތުގެ މާކުރިން ފުލްވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ހުޅުވާލީ ޖުމްލަ 300 ޖާގަ. އެއީ ފުލް މެރަތަންއަށް 30 ޖާގަޔާއެކު. ފުލް މެރަތަންގެ ޖާގަތައް މިހާރު ފުލްވެއްޖެ. ހާފު މެރަތަންގެވެސް މިހާރު އުޅެނީ ވަރަށް މަދު އަދަދެއް" މިސްތޯ ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވާ މި ދުވުމުގައި ދިވެހިންގެ އިތުރުން ޗައިނާ އާއި ޖަޕާން އަދި އިންޑިއާ ދުވުންތެރިން ވަނީބައިވެރިވެފައެވެ.
"ދެން އަޅުގަނޑުމެން ފާހަގަކޮށްލަން މުޅިން އަލަށްވެސް އެބަ ބައިވެރިވޭ ދުވުންތެރިން. އަދި އައްޑޫއިންވެސް އެބަތިބި ދުވުންތެރިން ބައިވެރިވެފަ" މިސްތޯ ވިދާޅުވިއެވެ.
މި ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އޮފިޝަލް ޓައިމިންގ ޓެކްނޮލޮޖީ ޕާޓްނަރ ކަމަށްވާ ގޮޓްރޭސްޑޮޓްކޮމްގެ http://www.gotorace.com/event/runinaddu/ މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.
"ރަން އިން އައްޑޫ"ގައި ފުރަތަމަ ފަށާނީ ފުލް މެރަތަން ނުވަތަ 42.2 ކިލޯމީޓަރގެ ދުވުމެވެ. އެދުވުން 15 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ގައި ފެށުމަށް ތާވަލުކޮށްފައިވަނީ ކަނބިހާ މަގުންނެވެ. ހާފު މެރަތަން ނުވަތަ 21.1 ކިލޯމީޓަރގެ ދުވުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން 15 ވަނަ ދުވަހުގެ ހެނދުނު 6:45 ގައި ފަށާ އިރު، 10 ކިލޯމީޓަރ ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑުން ހެނދުނު 7:45 ގައެވެ. އަދި 5 ކިލޯމީޓަރގެ ދުވުން ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45ގައެވެ.
މި ހުރިހާ ރޭހެއްވެސް ނިންމާނީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު ކައިރިއަށެވެ.
ޓީއެފްޖީން އަންނަނީ ފަލަކް ސްޕޯޓްސްއާ ގުޅިގެން އައްޑޫ ސިޓީގައި މެނުއަލީ ދުވުންތެރިންނަށް ރަޖިސްޓްރީވާން ހުޅުވާލާފައެވެ. ފަލަކް ސްޕޯޓްސް އަކީ ރަން އިން އައްޑޫގެ ޕާޓްނަރު ސޮނީ ސްޕޯޓްސްގެ އައްޑު ސިޓީގެ އޮތޯރައިޒް ރީޓެއިލަރ އެވެ.
ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރު ދުވާ ދުވުންތެރިންނަށް ރޭހަށް ތައްޔާރުވާނެ ގޮތާއި ދުވުމާ ގުޅޭ އެހެނިހެން މަޢުލޫމާތު ދިނުމަށް އަންނަ މަހުގެ 5 ވަނަ ދުވަހު ޓީއެފްޖީން ޚާއްޞަ ސެޝަނެއް އައްޑޫސިޓީގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސެޝަން އޮންނާނީ އައްޑޫ ސިޓީ ކައުންސިލުގެ ސިޓީ ހޯލުގައެވެ.
ރޭހުގެ އެކްސްޕޯ އޮންނާނީ ރޭހުގެ އެއްދުވަސް ކުރިން ސެޕްޓެމްބަރު 15 ވަނަ ދުވަހު ސިޓީ ހޯލުގައި ހެނދުނު 9 އިން ރޭގަނޑު 21:00 އަށެވެ. މި އެކްސްޕޯގައި ރޭސް ކިޓް ދޫކުރުން އޮންނާނެއެވެ.
"ބްރޭކް ޔޯ ސްޕީޑް" މި ޝިޢާރުގެދަށުން އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށާއި ވެހިކަލްތައް ދުއްވާ ސްޕީޑް މަޑުކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ މި ދުވުމުގެ މެއިން ސްޕޮންސަރއަކަށް ކޮކާކޯލާ ހަމަޖައްސާފައިވާ އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ސޮނީ ސްޕޯޓްސް އާއި ޕްރިންޓްލެބާއި މޯލްޑިވިއަން އަދި މިހާރު ނޫހުގެ އެހީތެރިކަން ޓީއެފްޖީން އަންނަނީ ހޯދަމުންނެވެ.
މިއީ "ރަން އިން މޯލްޑިވްސް" ގެ ނަމުގައި ޓީއެފްޖީން ފެށި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ އިވެންޓެކެވެ. މީގެ އިތުރުން ލ. އަތޮޅުގައި އަންނަ އަހަރުގެ ޖެނުއަރީ 26/27 ގައި މި ސިލްސިލާގެ އިތުރުބޮޅެއް އޮންނާނެއެވެ.
މި އިވެންޓުތައް މާލޭ ސިޓީން ބޭރުގައި ބޭއްވިނަމަވެސް ހުޅުމާލޭގައި ބާއްވާ ރަސްމީ އިވެންޓް ކޮކޯކޯލާ ލޯންގ ރަން އަންނަ އަހަރުގެ އޭޕްރިލް 13 ގައި އޮންނާނެއެވެ.