މިއަދުގެ އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މުޞީބާތަކީ އިސްލާމް ދީނުގެ ވާހަކަ ދައްކާ މުސްލިމުން ގިނަވުމާއި އަމަލުކުރާ މުސްލިމުން މަދުވުންކަން މިއަދުގެ ޢަރަފާތު ޚުޠުބާގައި ފާހަގަކުރައްވައިފިއެވެ.
ހަމައެއައިއެކު "ތައުޙީދުގެ މަގު" ދޫކޮށް އަމިއްލައަށް ކަންކަން އިސްކުރަމުން ދެވޭކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދުގެ ޚުޠުބާ އަޑުއަހައިލުމުން މިއަދުގެ މުސްލިމް ވެރިންގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެންދިއައެވެ. ރައްޔިތުންނާއި މުޚާޠަބްކޮށް ވާހަކައެއް ދައްކާނަމަ އެމީހާގެ އިސްލާމް ދީންކަމުގެ ވާހަކަ އާއި އިސްލާމް ދީނަސްޓަކައި ޖިހާދު ކުރަން ތައްޔާރަށް ހުރިކަމަށް ބުނެއެވެ. އިސްލާމް ދީނުގެ ހިމާޔަތުގައި ނިޔުކްލިއަރު ބޮމަކާއި ކުރިމަތިލާންޖެހުނު ނަމަވެސް ފިސާރި ސާބިތުކަމާއިއެކު އެކަން ކުރާނެ ކަމަށްވެސް ބުނާނެއެވެ.
އަމަލީ މައިދާނުން ބަލާއިރު އެމޭރުމުން ބުނާ ވެރިން ޖަމާއަތުގައި ނަމާދުކުރާތަން ފެންނަނީ ހާލަކުން ފަހަރަކުއެވެ. ވެރިކަން ހިންގުމުގައި ކީރި ޤްރްއާނަށް އަމަލުކުރަނީ 0.001 އިންސައްތައަށެވެ. އަދުލުވެރިވުމާއި އިންސާފުވެރިވުމެއް ނުވެސް އޮވެމެއެވެ. ރައްޔިތުންގެ ފައިސާއިން އަމިއްލަ އުފަލަށްޓަކާ އިސްރާފްކުރުން އިންތިހާގައެވެ.
ދާދިފަހުން ސަލްމާން ރަސްގެފާނު ވަނީ މަޣްރިބް ކަރައިގައި ކުރު ޗުއްޓީއެއް ހޭދަކޮށްލައްވައިފައެވެ. 14 ދުވަހަށް ހޭދަކޮށްލެއްވީ ހަމަ އެންމެ 100 މިލިއަން ޑޮލަރެވެ.
މިއަދުގެ ޚުޠުބާއަށް ވިސްނައިފިނަމަ މިފަދަ ގިނަ ކަންތައްތަކެއް ފެނިގެންދާނެއެވެ. މިއަދުގެ ޚުޠުބާއަކީ ތިމާ ނަމާދުނުކުރާ ހާލު އެހެން މީހުންނަށް ނަޞޭޙަތް ދިނުން ކުރިއަށް ގެންގޮސްގެން އިސްލާމީ އުންމަތް ކުރިނުއެރުވޭނެކަން ހާމަކޮށްދިން ޚުޠުބާއެކެވެ.