ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވުމަށާއި ޙަލާލް ގޮތުގައި ހޯދާ ފައިސާ ނޫނީ ބޭނުން ނުކުރުމަށް މިއަދުގެ ޢީދު ޚުޠުބާގައި އިމާމް ގޮވާލައްވައިފިއެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި. މާފަންނު ސްޓޭޑިއަމްގައި މިއަދުގެ ޢީދު ނަމާދު އިމާމުވެ ކޮށްދެއްވަމުން އައްޝައިޚް އަހްމަދު ސަމީރު ވިދާޅުވީ ހަލާލު ނޫން ގޮތުގައި ހޯދާ ފައިސާ ބޭނުންކުރާނަމަ ތިމާ އާއި ޢާއިލާއަށް ބޮޑެތި ގެއްލުންތަކާއި މުޞީބާތްތައް ކުރިމަތިވާނެ ކަމަށެވެ.
ޝައިޚް ސަމީރު ވިދާޅުވީ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ މާތް ﷲ ޙަރާމް ކުރައްވަވާފައިވާ ކަމެއް ކަމަށާއި އެފަދަ އަމަލެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ކޮންމެ މުޢާމަލާތަކީ ޙަރާމް މުޢާމަލާތެއް ކަމަށެވެ. ޝައިޚް ސަމީރުގެ ޚުޠުބާގައި ޢީދު ކުޅިވަރުތަކުގައި ދެ ޖިންސުން މަސްހުނި ނުވުމަށްވެސް ވަނީ ގޮވާ ލައްވައިފައެވެ.
ޝައިޚް ސަމީރު ވަނީ މާތްﷲ އަންހެނުންނަށް ދެއްވަވާފައިވާ މަތިވެރި މަޤާމުވެސް ފާހަގަކުރައްވައިފައެވެ. އަދި އެކަނބަލުން ފޭރާން ލާން ވާނީ މާތްﷲ އަންގަވާފައިވާ ފަދައިން ކަމަށްވެސް ވިދާޅުވެ އައުރަ (މޫނާއި ދެއަތްތިލަ ނޫން ހުރިހާ ތަނެއް) ނިވާވާ ގޮތަށް ފޭރާން ލުމުގެ މުހިންމުކަން ބަޔާން ކުރައްވައިފައެވެ.
އިމާމްގެ ޚުޠުބާއިން އެނގިގެންދަނީ ޢީދު ދުވަހާއި ގުޅުވައިގެން ފެރާން ލުމުގައިވެސް އިސްލާމީ އުޞޫލުތައް ހިފަހައްޓަންޖެހޭނެ ކަމެވެ. ޢައުރަ ނިވާކުރި ކަމަށް ފުދޭނީ އެއިރުން ކަމެވެ.
ޝައިޚް ސަމީރު ވިދާޅުވީ ރާއްޖޭގައި އަމާންކަމާއިއެކު ޢީދު ފާހަގަކުރެވުނު ނަމަވެސް މުސްލިމް ގިނަ ޤައުމުތަކެއްގައި އަމާންކަމެއް ނެތް ކަމަށެވެ. އަދި މުސްލިމުންނަށް އުޅެންޖެހިފައިވަނީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ. އެހެންކަމުން މާތްﷲ ދިވެހިންނަށް މިންވަރު ކުރައްވަވާފައިވާ އަމާންކަމާއި މިނިވަންކަމުގެ މަތިވެރި ނިއުމަތް ދެމެހެއްޓުމުގެ މުހިންމުކަން ވެސް ވަނީ ބަޔާންކޮށްދެއްވައިފައެވެ.