ޙައްޖުގެ އެންމެ މަތިވެރި އަޅުކަން ކަމަށްވާ އަރަފާތު ބިމުގައި އިއްޔެ ދުވަސް ހޭދަކުރުމަށްފަހު ރޭ ހޭދަކޮށްފައިވަނީ މުޛްދަލިފާގައެވެ.
މުޛްދަލިފާއިން މިނާއަށް އެނބުރި އައިސް މިއަދު އަދާކުރާނެ އަޅުކަމަކީ ޖަމްރާތަކަށް ހިލަ އުކަން ފެށުމެވެ.
ޖަމްރާއަށް ހިލަ އުކުމަށް ކިޔާ ދެވަނަ ނަމަކީ އިބިލީސް ނުވަތަ ޝައިޠާނާ ބޮލަށް ހިލައުކުމެވެ. ބައެއް ޤައުމުތަކުގެ ހައްޖުވެރިން ހިލަ އުކާއިރު އުކަނީ ސީދާ އިބިލީހުގެ ބޮލުގައި ހިލައިން ޖަހައި އިބިލީސް މަރާލުމުގެ ނިޔަތުގައެވެ.
އެހެންކަމުން އުކަންޖެހޭ އަދަދަށް ހިލަ އުކުމަށްފަހު އަތުގައި އޮންނަ ފެންފުޅިއާއި އަރައިގެން ހުންނަ ފައިވާންވެސް ހޫރައިލައެވެ. އިލްމުވެރިން ގެންދަވަނީ ހަމައެކަނި ހިލަ އުކުމަށާއި އެނޫން ކަންކަން ނުކުރުމަށް ނަޞޭޙަތްތެރިވެވަޑައިގަންނަވަމުންނެވެ.
ޖަމްރާތަކަށް ހިލައުކުން ގުޅިފައިވަނީީ މާތް ﷲ ގެ އަމުރުފުޅަށް އިބްރާހީމްގެފާނު، އިސްމާޢީލްގެފާނު ޤްރްބާން ކުރެއްވުމަށް ވަޑައިގެންނެވި މަގުމަތީގައި އެކަމަށް ހުރަސް އެޅުމުގެ ގޮތުން އިބިލީސް ވަސްވާސްދޭން ފެށުމުން އިބިލިސް ފައްސައިލެއްވުމަށް ހިލައުއްކެވުމާއިއެވެ.
މިއަދަކީ އުލްޙިޔާ ކަތިލާ ދުވަހެވެ. ޙައްޖުވެރިން މިނާގައި ތިބި ނަމަވެސް އުޟްހިޔާ ކަތިލަނީ މައްކާގައެވެ. އެހެންކަމުން އުޟްޙިޔާ ކަތިލުމުގައި ހައްޖުވެރިން އަމަލީ ގޮތުން އަދާކުރާނެ ދައުރެއް ނުއޮވެއެވެ.