ޢީދާއި ގުޅުވައިގެން ނަމަވެސް ދެ ޖިންސުން މަސްހުނިވެ ގައިގައި އަތްލައިގެން ކުޅޭ އެއްވެސް ކުޅިވަރަކީ އިސްލާމް ދީން ހުއްދކުރާ ކުޅިވަރެއް ނޫނެވެ. އެއީ ޒަމާނުންސުރެ ރާއްޖޭގައި ކުޅެމުން އަންނަ ފެންކުޅި ނަމަވެސްމެއެވެ.
ޢާންމުކޮށް މިބާވަތުގެ ކުޅިވަރުތައް ދެ ޖިންސުން މަސްހުނިވެގެން ކުޅެ އުޅެނީ ހާމަކަންބޮޑުގޮތެއްގައި ގައިގައި އަތްލުމުގެ ބޭނުމުގައެވެ. ޢީދުގެ ލޭބަލް ޖަަހައިގެން ފަހިޝް އަމަލުތައް ހިންގުމުގެ ބޭނުމުގައެވެ. މިފަދަ ގައިގައި އަތްލާ ކުޅިވަރުކުޅޭ މީހުން މިސްކިތްތަކުން ފެންނާނީ ވަރަށް މަދުންނެވެ.
މިއަދުގެ ޢީދު ޚުޠުބާގައިވެސް މިކަންކަން ފާހަގަކުރައްވާފައިވަނީ މިފަދަ ސަބަބުތައް ހުރުމުންނެވެ.
ބައެއް މީހުން ބުނާ ގޮތުގައި ރާއްޖޭގައި ދެ ޖިންސުން މަސްހުނި ވުމުގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެއީ ގައިގައި ބައްދައިގެން މަގުމަތީގައި ހިނގުމާއި ފައުލުގައި ހާމަތަންތަނުގައި ބައްދައި ދޮން ދިނުން ފަދަ ކަންކަމަކީ މަސްހުނިވުންކަމަށް ނުބަލާތީއެވެ. އެކަމަށް ސަމާލުކަންދީ ހުއްޓުވަން މަސައްކަތްކުރާ ބައަކުވެސް (ދީނީ އިލްމުވެރިން ފިޔަވައި) ނުއުޅޭތީއެވެ.
މިއަދުގެ ޢީދު ނަމާދުން ފޭބި ވަރަށް ހަރު ބޭފުޅަކު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައިވެސް އަންހެނުންނާއި ފިރިހެނުން، ދެ ޖިންސުން މަސްހުނިވެފައިވާކަން އެނގެން ނެތް ކަމަށެވެ. އެއީ ދުވަހަކުވެސް އަންހެނަކާއި ފިރިހެނަކު ފުނޑައި ޗިސްކޮށް މޮޑެ އެއިން މަސްހުނި ހެދިކަން އެނގެން ނެތުމުން ކަމަށެވެ. އެހެން ހުރިހާ ގޮތަކުން އެކަން ވަނީ ޢާންމުވެފައިވާ ކަމަށާއި އެކަމަކީ ލައިސަންސް ދެވިފައިވާ ކަމެއް ކަމަށެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒިޒް ވަނީ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިފައެވެ. ދީނީ ފުލުހުންގެ ނަމުގައި ހަރު މީހުންނާއި ދީނީ ޢިލްމުވެރިން މަގުމައްޗަށް ނެރުއްވައިގެން ގެންދަވަނީ އެފަދަ ކަންކަން ހުއްޓުވަން މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ސައުދިއަރަބިއްޔާގެ ސަލްމާން ރަސްގެފާނު ވިދާޅުވެފައިވަނީ ދީނީ ފުލުހުންނަކީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް މަސައްކަތްކުރާ އެމަނިކުފާނުގެ މަންދޫބުން ކަމަށެވެ. އަދި އެމަސައްކަތްޕުޅު ކުރެއްވެވުމަކީ ވަލިއްޔުލްއަމުރުގެ ހައިޞިއްޔަތުން އެމަނިކުފާނުގެ މައްޗަށް މާތްﷲ ލާޒިމް ކުރައްވަވާފައިވާ މަސައްކަތްޕުޅެއް ކަމަށެވެ.