ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް އެންމެ ގިނަ އަދި އެންމެ ބޮޑެތި ހޮންޖެހުންތައް ކުރިމަތިވެފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަށް ކަމަށާއި އެކަންކަމުން ސަލާމަތްވުމަށް އިންޑިއާ ކަނޑުގެ ޤައުމުތަކުން ކުރާ މަސައްކަތްތައް އިތުރުކުރަންޖެހިފައިވާ ކަމަށް އިންޑިއާގެ ޚާރިޖި ވަޒީރު ސުޝްމާ ސްވރާޖް ވިދާޅުވެއްޖެއެވެ.
އިއްޔެ ފެށި 2 ވަނަ އިންޑިއަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރައްވަމުން ސްވަރާޖް ވިދާޅުވީ އިރެއްގައި އިންޑިއާ ކަނޑުގެ ބޭނުންކުރީ މަދު ނައު ފަހަރު ނަމަވެސް މިއަދު ވަނީ ބަދަލުވެ ކޮންމެ އަހަރަކު އެތައް ލައްކަ ބޯޓު ފަހަރު ބޭނުންކުރާ ކަނޑަކަށް ބަދަލުވެފައި ކަމަށެވެ.
ސްވާރާޖް ވިދާޅުވީ ހަމާއެއާއިއެކު ދުނިޔޭގެ އިޤްޠިޞާދަށް ބެލި ނަމަވެސް އިންޑިއާ ކަނޑަކީ މިހާރު މުޅި ދުނިޔެއަށް ވެސް އެންމެ މުހިންމު ސަރަޙައްދު ކަމަށެވެ. އެހެންކަމުން އަބަދުވެސް ތިބެންޖެހޭނީ ކުރިމަތިވެދާނެ ގޮތް ނުއެނގޭ ކަންތައްތަކަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
އިންޑިއާ ކަނޑު ބެލެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ އެކަނޑުގައި ހިމެނޭ ޤައުމުތަކުން ކަމަށާއި އެކަމުގައި އިތުރު ބައަކު ބައިވެރިކުރުމަކީ ވަރަށް ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ސުޝްމާ ސްވަރާޖް ވަނީ ވިދާޅުވެފައެވެ.