ޢީދުގައި ތަކުބީރު ކިޔުމަކީ ކުރަންޖެހޭ ކަމެކެވެ. މަތިވެރި ސުންނަތެކެވެ. ދާދިފަހަކާ ޖެހެންދެން ތަކުބީރު ކިޔުން ވެފައި އޮންނަނީ ޢީދު ނަމާދުގެ ޜޫޙު ކަމަށެވެ. އިމާމް މީހާ ކިޔާނީ އެއްބައެވެ. ވިއްދައިގެން ފަހަތުން އަނެއްބައި ހަމަ އެހައިމެ އަޑުހަރުކޮށް ކިޔަނީ މިސްކިތަށް ގޮސްތިބޭ މީހުންނެވެ.
އެކަން ކުރަމުން އައީ ވަރަށް ފޯރީގައެވެ. ނަމަވެސް ކަންކަން ބަދަލުވަމުން އައިސް ހާޒިރީން ތަކުބީރުކިޔާ އަޑު މިހާރު އިވެނީ ވަރަށް މަޑުންނެވެ. އެހެން އެކަން އެވަނީ ކީއްވެގެންކަން ބަލައިލުމަކީ ވެސް ކުރަންޖެހިފައިވާ ކަމެކެވެ.
މިކަން މިހެން ވުމަށް މެދުވެރިވާ އެއް ސަބަބަކީ ތަކުބީރު ކިޔަން ނުއެނގުން ކަމަށްވެއްޖެނަމަ އެއީ ހާދަ ހިތާމަހުރި ކަމަކަށްވާނެއެވެ.
ނަމާދަށްފަހު މިސްކިތްތަކުގައި ތަކުބީރު ކިޔާއިރުވެސް ތަކުބީރު ކިޔަން އެނގޭ މީހުންގެ އަދަދާއިމެދު ޝައްކު އުފެދޭ މިންވަރަށް އަޑުމަޑެވެ. އަހަރުން އަހަރަށް އަންނަނީވެސް އަޑުމަދުވަމުންކަން ފާހަގަކުރެވެއެވެ.
ދީނީ މިފަދަ ގިނަ ކަންތައްތަކެއް އަޅުގަނޑުމެންގެ ތެރެއިން ނެތެމުން އަންކަން ހިތާމައާއިއެކު ފާހަގަކުރަންޖެހެއެވެ. މިކަމަށް ވިސްނައި ކޮންމެވެސް ފަރާތަކުން މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާކަން ވެސް ފާހަގަކުރެވެއެވެ.