މިއަދަކީ އިބިލީސް ބޮލަށް ހިލަ އުމުގެ ދެވަނަ ދުވަހެވެ. 3 މިލިއަނަށްވުރެ ގިނަ މުސްލިމުން މިނާގައި މަޑުކޮށްގެން އެތިބީ އިބިލީސް ބޮލަށް (ޖަމްރާތަށް) ހިލައުކުމަށެވެ.
ހިލަ އުކަން މިއަހަރު ފަސޭހަވާނެ އިންތިޒާމުތައް ސައުދީ ސަރުކާރުން ހަމަޖައްސައިދީފައިވުމުން ތޮއްޖެހުން ވަރަށް ކުޑައެވެ. ރަނގަޅަށް ތާވަލުކޮށްގެން ހިލައުކަންދާނަމަ އެއްވެސް ދަތިކަމެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވެއެވެ.
ހިލައުކުމުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް ސައުދީ ސަރުކާރުން ގެންދަނީ އެހީތެރިވެދެމުންނެވެ. އެފަދަ މީހުން ޖަމްރާތައް ކައިރިއަށް ގެންގޮސްދިނުމުގައިވެސް ދަނީ އެހީތެރިވަމުންނެވެ.
ޙައްޖުވެރިންނަށް އެކި ގޮތް ގޮތުން އެހީތެރިވުމަށް 500،000 މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ސައުދީ ރެޑްކްރެސެންޓާއި ގުޅިގެންވެސް ގިނަ ބައަކު ގެންދަނީ ހައްޖުވެރިންނަށް އެހީތެރިވަމުންނެވެ.