ދުބާއީ އެއާޕޯޓުގައި ސީރިއަސް ހާޓް އެޓޭކެއް ޖެހުނު ފަސިންޖަރކު އެއާޕޯޓް މެޑިކަލް ޓީމުން ސަލާމަތްކޮށްފިއެވެ. އޮގަސްޓްމަހުގެ 11 ވަނަ ދުވަހު ހިނގި މިހާދިސާގައި ހާޓް އޓޭކް ޖެހުނީ ޓްރާންސިޓް ފަސިންޖަރަކަށެވެ.
އުމުރުން 45 އަހަރުގެ ފަސިންޖަރު ކުއްލިއަކަށް ވެއްޓުމުން ބަލައިލިއިރު ވިންދުވެސް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. އެހެންކަމާއިއެކުވެސް އެޢާޕޯޓް މެޑިކަލް ޓީމުން ވަގުތުން ދިން ސަމާލުކަމާއި ފަރުވާގެ ސަބަބުން ވަނީ އޭނާގެ ފުރާނަ ސަލާމަތް ކުރެވިފައެވެ.
ޑރ. ޖަމީލް އަލްތަރާޝް ބުނެފައިވަނީ ޠާރިޤް ޢަލީ ނަމަކަށް ކިޔާ ފަސިންޖަރުގެ ވިންދު ހުއްޓުމަކަށް އައިސްފައިވާކަން އެނގުމުން ވަގުތުން މެޑިކަލް ސެންޓަރަށް ގެންގޮސް ފަރުވާދޭން ފެށުނު ކަމަށާއި ނޭވާލާން ފެށީ ކަރަންޓް ޝޮކް ދިނުމުން ކަމަށެވެ. "އަހަރެމެންނަކަށް ނެތް ޓެސްޓް ހަދާނެ ވަގުތެއް. އެހެންވެ މާތް ﷲ އަށް ވަކީލުކޮށްފައި ޝޮކް ދެމުން ގެންދިއައީ. ނޭވާ ލާން ފެށުމުން ވެންޓިލޭޓަރަށް ބަދަލުކޮށް ހޮސްޕިޓަލަކަށް ބަދަލުކުރީ."
ޑޮކްޓަރު ބުނެފައިވަނީ އެއްވެސް ބައްޔެއް ހުރިކަމަށް ތުހުމަތުކުރެވޭ މީހުން ދަތުރަށް ފެށުމުގެ ކުރިން ޓެސްޓްތައް ހަދައިލުން ރަނގަޅުވާނެ ކަމަށެވެ. ނޫންނަމަ ވަރަށް ނުރައްކާތެރި ހާލަތަށް ކަންކަން ހިނގައިދާނެ ކަމަށެވެ.
މިހާދިސާއިން އެނގިގެންދަނީ ދުބާއީ އެއާޕޯޓުގައި ހުރި މެޑިކަލް ސެންޓަރުގެ ފުރިހަމަކަމާއި ޑޮކްޓަރުންގެ ޤާބިލުކަމެވެ. ކުއްލި ހާލަތަށް ތައްޔާރުވެފައިވާ މިންވަރެވެ.