މުސްލިމް ކޮންމެ ޤައުމެއްގައި ވޭން އެޅި ނަމަވެސް އެވޭން ސައުދިއަރަބިޔާގައި އަޅާނެ ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ. ސަލްމާން ރަސްގެފާނު މިމޭރުމުން ވިދާޅުވީ މިއަހަރު ހައްޖަށް ދިއަ އިސް ބޭފުޅުންނަށް މިނާ ޕެލަސްގައި ދެއްވި ޖާފަތުގައެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ ސައުދިއަރަބިޔާއަކީ ހުރިހާ މުސްލިމުންގެ ހިތް ކަމަށާއި އެކަން އެގޮތުގައި ދަމަހައްޓަވަން އަބަދުވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. "ސައުދިއަރަބިޔާއިން އަބަދުވެސް މަސައްކަތްކުރާނީ މުސްލިމް ޤައުމުތަކުގެ ހައްޤުގަ. އެމަސައްކަތްތަކަށް ދޫ ދިނުމެއް ނެތް. މުޅި ދުނިޔޭގައި ޞުލްހަ ޤާއިމުކުރެވުމަކީ ސައުދިއަރަބިޔާއިން އެދޭކަމެއް. އެކަމަށް ސައުދިއަރަބިޔާއިން ގަދައަޅައި މަސައްކަތްކުރާނެ."
މިރަސްމިއްޔާތުގައި ހާޒިރީންގެ ފަރާތުން ޝުކުރު ދެންނެވީ މޮރިޓޭނިއާގެ އިސްލާމިކް މިނިސްޓަރު އަހްމަދު ޤުލްދް އަހްލް ދާވޫދު އެވެ. އަހްމަދު ވަނީ ހައްޖުވެރިންނަށް ސައުދިއަރަބިޔާއިން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި އަދާކުރަމުން ގެންދާ މެހްމާންދާރީގެ ފުރިހަމަކަން ފާހަގަކުރައްވައި ސަލްމާން ރަސްގެފާނަށާއި ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.