40 މީޓަރ އަޑީގައި ތާށިވެފައި އޮތް 20 މަހުގެ ކުއްޖަކު ސަލާމަތްކޮށްފިއެވެ.
ޗައިނާގެ ޝާންޒީ ޕްރޮވިންސްގައި ހިނގި މި ހާދިޘާގައި މިކުއްޖާ ސަލާމަތްކޮށްފައިވަނީ ގާތްގަޑަކަށް 10 ގަޑިއިރުގެ މަސައްކަތުންނެވެ. އެހެންނަމަވެސް އެކުއްޖާ އެތަނުގައި ތާށިވީ ކިހިނެއްކަމެއް އަދިނޭނގެއެވެ.
އެ ޤައުމުގެ މީޑިއާއިން ބުނެފައިވަނީ އެކުއްޖާ ތާށިވެފައިވަނީ ވަރަށް އަޑީގައިކަމުން ސަލާމަތްކުރަން ޖެހުނީ އެކްސްކަވޭޓަރ ފަދަ ތަކެތި ބޭނުންކޮށްގެން ކަމަށެވެ. އަދި އެކަމުގައި 9 އެކްސްކަވޭޓަރ ބޭނުންކޮށްފައިވާ ކަމަށެވެ.
އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އެކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.