މިޗިގަން ޑެޓްއޮރިޓް ވޯލްމާޓް ސްޓޯރެއްގައި އޮތް "ބެކް-ޓު-ސްކޫލް" ސޭލެއްގައި، އެންމެ ފަހުން އިން ނޯޓުފޮތް ނުދީގެން ހަތަރު އަންހެނަކު ޒުވާބުކޮށް، އޭގެން އެކަކު ބަޑިއެއް ނަގައި ޖަހަން އުޅެފިއެވެ.
މިޒުވާބު ހިނގާފައިވަނީ އުމުރުން 46 އަހަރުގެ އަންހެނަކާއި 32 އަހަރުގެ އަންހެނަކާއި 51 އަހަރުގެ އަންހެނަކާއި އޭނާގެ އުމުރުން 20 އަހަރުގެ އަންހެން ދަރިއާއި ދެމެދުއެވެ. އުމުރުން 20 އަހަރުގެ އަންހެން ކުއްޖާއަށް އެފޮތް ނަގަން އުޅެވުނީ ދެން ތިބި ދެ އަންހެނުންވެސް އެފޮތް ނަގަން އުޅުނު ވަގުތުއެވެ.
އެސްޓޯރުގައި އެވަގުތު އިނީ އެވައްތަރުގެ އެނޯޓުފޮތް އެކަނި ކަމަށްވުމާއި އެކު، އެތިން މީހުން ވެސް ބޭނުންވީ އެފޮތެވެ. އެކަމާއި ޒުވާބުކޮށް، ދެން ތިބި ދެއަންހެނުން 20 އަހަރުގެ އަންހެން ކުއްޖާގެ ބޮލުގެ އިސްތަށިގަނޑަށް ހިފާ ދެމިއެވެ. އެމަންޒަރު އޭނާގެ މަންމައަށް ފެނުމުން ދަރިފުޅު ސަލާމަތް ކުރަން އެއަންހެން މީހާ ބަޑިނެގީ ކަމަށް މިޗިގަން ގެ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މިމަންޒަރު ބަލަން ތިބި ބައެއް މީހުން ވަނީ އެސްޓޯރުން ފިލާފައެވެ. އަދި ލަސްތަކެއް ނުވެ ފުލުހުންނަށް ވެސް ގުޅާ އެކަން އެންގުނެވެ.
މިޗިގަން ފުލުހުން މިހާރު ވަނީ އެހަމަ ނުޖެހުންގަނޑު އިތުރަށް ތަޙުޤީޤު ކުރުމަށް، މަންޒަރު ދުށް ބައެއް މީހުން ހެކީންގެ ގޮތުގައި ގެންދަން ފަށާފައެވެ.