ކެމްބްރިޖް ޔުނިވަރސިޓީ ގައި ކިޔަވަމުން ދިޔަ ރޮނަލްޑް ކޮއިން ނަމަކަށް ކިޔާ ޒުވާނެއް، ވަރަށް ރަޙުމް ކުޑަ ގޮތަކަށް ގެދޮރު ނެތް މީހަކާ ފުރައްސާރަ ކޮށްފިއެވެ.
ރިޔާން ޑޭވިސް ނަމަކަށް ކިޔާ ގެދޮރު ނެތް މީހާ، އާދައިގެ މަތިން މަގުމަތިން ދިޔަ މީހުން ގާތުން ސަލާން ޖަހަމުން ދިޔައީ ކުދި ފައިސާ ހޯދުމަށެވެ. އެހެންހުއްޓާ ކޮއިން އެމީހާއަށް ގޮވާފައި، ޖީބުން 20 ޕައުންޑް ގެ ނޫޓެއް ނަގާ، ޑޭވިސް އަށް ދޭކަމަށް ހެދުނެވެ. އެއީ ވަރަށް ގިނަ ފައިސާ ކަމަށްވާތީ އުފަލުން ޑޭވިސް އެނޫޓުގައި ހިފަން އުޅެނިކޮށް، ކޮއިން އޭނާގެ ޖީބުން ލައިޓަރެއް ނަގާފައި، އެގެދޮރު ނެތް މީހާގެ ކުރިމަތީގައި އެނޫޓު އަންދާލިއެވެ.
"އަހަރެން ވަރަށް ހިތުގަ ޖެހުން. އަހަރެން އޭނަ ކައިރިއަށް ނުދަނީސް އަމިއްލައަށް ގޮވީވެސް. އަހަރެން ދިޔުމުން 20 ޕައުންޑްގެ ނޫޓެއް ޖީބުން ނަގާފަ އަހަންނަށް ދިއްކުރި. އުފަލުން އޭގައި ހިފަން އުޅެނިކޮށް އޭނާ ކުރިކަމަކީ އެނޫޓު އަތުލާ ކަމަށްހަދާފައި، ޖީބުން ލައިޓަރެއް ނަގާފައި ނޫޓު އަންދާލީ. އަދި ބުނީ އެއޮތީ އެނޫޓު ކުދި ފައިސާއަށް ހަދާފައޭ ގެންދާށޭ." ރިޔާން ޑޭވިސް ކިޔާދިނެވެ.
ރޮނަލްޑް ކޮލިން ގެ މިއަމަލު، އެވަގުތު އެތަނުގައި ހުރި އެހެން މީހަކު ވަނީ ފޯނުން ރިކޯޑް ކޮށްފައެވެ. އެވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެ، ވަރަށް ގިނަ މީހުންވަނީ ކޮލިންގެ އެ ލާއިންސާނީ ޢަމަލު ކުށްވެރިކޮށްފައެވެ. އަދި 23،000 އެއްހާ މީހުން ވަނީ ކޮލިން ކެމްބްރިޖް ޔުނިވަރސިޓީ އިން ވަކި ކުރުމަށް ބުނެ ޕެޓިޝަން އެއްގައި ސޮއި ކޮށް ހުށަހަޅާފައެވެ.
ކޮލިން ގެ އެޢަމަލާއި އާއްމުންގެ ނުރުހުން އެވަރަށް ލިބުމުގެ ސަބަބުން ކެމްބްރިޖް ޔުނިވަރސިޓީ އިން އެވަގުތު ރޮނަލްޑް ކޮލިން ވަނީ ވަކިކޮށްފައެވެ. ނަމަވެސް ޔުނިވަރސިޓީ ގެ ނަން ބަދުނާމު ކުރެވުނީތީއާއި ރައްޔިތުން ނުރުހޭ ކަމެއް ކުރެވުނީތީ، މާފަށް އެދި ކޮލިން ސިޓީ އެއް ލިޔުމުން، ކެމްބްރިޖް ޔުނިވަރސިޓީ އިން ވަނީ އޭނާއަށް މާފުކޮށް އަލުން އޭނާގެ ކިޔެވުން ފުރިހަމަ ކުރުމަށް އެޔުނިވަރސިޓީއަށް އަނބުރާ ގެނެސްފައެވެ.
ކެމްބްރިޖް އިން ކޮލިން އަށް މާފު ކުރި ނަމަވެސް، ގިނަ ބަޔަކު އަދިވެސް ވަނީ ކޮލިން ގެ އެއަމަލާއި މެދު ނުރުހިފައެވެ. އަދި އޭނާ އެސިޓީގައި ގެދޮރު ނެތް، ހާލުގައި ޖެހިފައި ހުރި ރިޔާން ޑޭވިސް ގެ ކިބައިން މާފަށް އެދިފައި ނުވާކަން ވެސް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.