އަބޫދާބީގެ ދެމަފިރިއަކު އެމީހުންގެ 6 އަހަރުގެ އަންހެން ދަރިފުޅު ކާރުގައި ބައިންދާފައި ކާރުތަޅުލާފައި ދިއުމުން ނެވާ ހާސްވެގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ ދެމަފިރިން ކާރު ކައިރިއަށް އައީ 6 ގަޑިއިރު ފަހުން ކަމަށާއި އައިސް ކާރުހުޅުވައިގެން ބެލިއިރު ދަރިފުޅު އޮތީ މަރުވެފައި ކަމަށެވެ.
ފުލުހުން ބުނީ ކުއްޖާގެ މަރުގެ ޒިންމާ އުފުލަން ބެލެނިވެރިންނަށް ޖެހޭނެ ކަމަށެވެ. އަދި ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ކާރުން ފޭބި ނަމަވެސް ދަރިން ގެންދަން ޖެހޭނެ ކަމަށެވެ.
ފުލުހުން ބުނީ ކާރުގައި ކުއްޖަކު އިންދައި ކޮންމެ ފަދަ ގޮތެއްވެސް ކާރަށް މެދުވެރިވެދާނެ ކަމަށާއި ދޮރުތައް ތަޅުލާފައި ހުރިނަމަ ކޮންމެ ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ކުއްޖާއަށް ކާރުން ނުފޭބޭނެ ކަމަށެވެ.
ފުލުހުން ބުނީ މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ފުލުހުން ކުރާ އިލްތިމާސްތަކަށް އިޖާބަ ދޭނަމަ މިފަދަ ދެރަ ގޮތްތައް ކުރިމަތިނުވާނެ ކަމަށެވެ.
މީގެ އިތުރުން ޢީދުގެ 3 ވަނަ ދުވަހު މަސް އާލާކުރާ ފެންގަނޑަކަށް ވެއްޓި އުމުރުން 12 އަހަރާއި 11 އަހަރުގެ 4 ކުދިން ވަނީ ގެނބިގެން މަރުވެފައެވެ. ފުލުހުންނަށް އެނގުމުން ގޮސް ފެންގަނޑުން ނެގިއިރު ކުދިންގެ ހާލު ސީރިއަސްވެފައިވުމުން ހޮސްޕިޓަލަށް ގެންދިއަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 4 ކުދިންވެސް ވަނީ މަރުވެފައެވެ.
މީގެ ތެރެއިން 3 ކުދިންނަކީ ޢީދު ހޭދަކޮށްލަން އަބޫދާބީއަށް ގޮސްތިބި ޢާއިލާއެއްގެ ކުދިންނެވެ.
ފުލުހުން ބުނެފައިވަނީ ކުދިން އެކަނި ދޫކޮށްލުމަށްފަހު އުޅޭ ނޫޅޭ ގޮތް ނުބަލާނަމަ މިފަދަ ހާދިސާތައް ހިނގާނެ ކަމަށެވެ.