އިންޑިއާގެ ޑިފެންސް މިނިސްޓަރުކަމަށް، މިނިސްޓްރީ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ނިރްމަލާ ސިތަރަމަން މިއަދު ހަމަޖެއްސިއިރު ދިފާޢީ ވަޒީރު ކަމުގެ މަޤާމަކީ މިވަގުތު އިންޑިއާއަށް އެންމެ މުހިންމު މަޤާމެވެ.
ޕާކިސްތާނާއިއެކު ސަރަހައްދީ ހަނގުރާމަތައް އެކި ފެންވަރުގައި ކުރިއަށްދާއިރު ޗައިނާ އާއިއެކު ގިނަ މައްސަލަތަކެއް ވަނީ އުފެދިފައެވެ. ދެންމެ ދެންމެ ސަރަހައްދީ ހަނގުރާމަތައް ފެށިދާނެކަމުގެ ބިރު މިވަނީ އުފެދިފައެވެ.
ސިތަރަމަން ބުނާގޮތުން މިފަދަ މުހިންމު މަޤާމެއް އަންހެނަކަށް ހަމަޖެހުނުކަން އަންގައިދެނީ އިންޑިއާގައި އަންހެނުންނަށް އޮތް ފުރުޞަތުތަކުގެ ބޮޑުކަމެވެ. އިންޑިއާގެ ކެބިނެޓުގައި 27 ވަޒީރުން ތިބިއިރު 6 ވަޒީރުންނަކީ އަންހެނުންނެވެ. މިއީ ފަހުގެ ތާރީޚަށް ބަލާއިރު ރެކޯޑް އަދަދެކެވެ.
އިންޑިއާގެ އަސްކަރިއްޔާއަށް ވަނީ އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިކަމަށް އެއްބައަކު ބުނާއިރު އަނެއް ބައަކު ބުނަނީ ދިފާޢީ ވަޒީރަށް މިވަގުތު ނޭވާލެވޭނެ ވަގުތެއް ނެތް ކަމަށެވެ. މިފަދަ ވަގުތެއްގައި ޑިފެންސް މިނިސްޓަރުކަމުގެ މަޤާމަށް އަންހެނަކު ހަމަޖެއްސުމުން ފާޑުކިޔުންތައް އަމާޒުވެފައިވީނަމަވެސް ތައުރީފްގެ ބަސްތައް ވެސް ދަނީ އިވެމުންނެވެ.
އިންޑިއާގެ އަސްކަރިއްޔާއަށް ބަލައިފިނަމަ އިންޑިއާގެ އިތުރުން މުޅި ސަރަހައްދު ބެލެހެއްޓުމަށްވެސް އިންޑިއާގެ އަސްކަރިއްޔާއިން ދަނީ މުހިންމު ދައުރެއް އަދާކުރަމުނނެވެ. އެހެންކަމުން މުޅި ސަރަހައްދަށްވެސް އިންޑިއާގެ އަސްކަރިއްޔާގެ މުހިންމުކަން ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް ބަލައިފިނަމަ ތަމްރީނާއި އެހެން ގޮތްގޮތުންވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަނީ އިންޑިއާ އިންނެވެ. ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އިންޑިއާ އިން ވަނީ މަރުކަޒުތައް ޤާއިމުކޮށްދީފައެވެ. ސަރޗް އެންޑް ރެސްކިޔޫ އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ދިނުމުގެ އިތުރުން އުދުހެވޭނެ ގޮތްވެސް ހަދައިދެމުން ދަނީ އިންޑިއާ އިންނެވެ.