ވަރލްޑްކަޕް ކޮލިފައިން: ކުޅުނު މެޗުތަކުން އެއްވަރުވެ، އެމެރިކާ އަދި ކޮސްޓަރީކާއަށް އިތުރު ހާސްކަން.

ކިޔުމަށް ހޭދަވާނީ 2މ 30ސ
ވަރލްޑްކަޕް ކޮލިފައިން: ކުޅުނު މެޗުތަކުން އެއްވަރުވެ، އެމެރިކާ އަދި ކޮސްޓަރީކާއަށް އިތުރު ހާސްކަން.
2018 ވަނަ އަހަރު ރަޝިއާގައި ބޭއްވޭ ދުނިޔޭގެ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް އުތުރު އެމެރިކާ ބައްރުގެ ކޮލިފައިންގައި އެމެރިކާ އަދި ހޮންޑިއުރަސް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމުނުއިރު މެކްސިކޯ އަދި ކޮސްޓަރީކާ ބައްދަލު ކުރި މެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ.

އެމެރިކާ އަދި ހޮންޑިއުރަސް ބައްދަލުކުރި މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއިންނެވެ.

ހޮންޑިއުރަސްގެ އަމިއްލަ ދަނޑުގައި މިއަދު ހެނދުނު ކުޅެވުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ގޯލް ޖަހާ މެޗުގެ ލީޑު ނެގީ ހޮންޑިއުރަސްއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ހޮޮންޑިއުރަސްއަށް މި ގޯލް ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވާޑް ރޮމެއްލޯ ކިއޯޓޯއެވެ. މި ގޯލަށް ފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ހޮންޑިއުރަސްއިންނެވެ.

އެއް ގޯލްގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ހޮންޑިއުރަސްއިން ނިންމާލި ނަމަވެސް، ފަހުހާފަށް ކުޅެން ނިކުމެ އެމެރިކާ ޓީމުން ވަނީ އިތުރަށް ކުޅުން ރަނގަޅު ކޮށްފައެވެ. ނަތީޖާ އަކަށްވީ މެޗުގެ 85 ވަނަ މިނެޓުގައި ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރުމެވެ.

މި ގޯލް އެމެރިކާ ޓީމަށް ކާމިޔާބު ކޮށްދިނީ ޖަރުމަނުގެ ހެމްބާގާއަށް ކުޅެމުންއަންނަ ޒުވާން ފޯވާޑް ބޮބީ ވުޑްއެވެ.

މި ނަތީޖާއާ އެކު އެމެރިކާއަށް ވޯލްޑްކަޕަށް ކޮލިފައި ވުމަށް އިތުރު ހުރަސްތަކަކާއި ކުރިމަތި ލާން ޖެހުނު އިރު ހޮންޑިއުރަސްއަށް ވެސް ވަނީ ކޮލިފައި ނުވެދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ހީވެފައެވެ. އެގޮތުން އެމެރިކާ މިވަގުތު ކުޅުނު 8 މެޗުން ލިބުނު 9 ޕޮއިންޓާއެކު ހަތަރުވަނާގައި އޮތްއިރު، ހޮންޑިއުރަސް އޮތީ ކުޅުނު 8 މެޗުން ލިބުނު 9 ޕޮއިންޓާއެކު ގުރޫޕުގެ ފަސްވަނާގައެވެ. ހޮންޑިއުރަސްއަށް ގުރޫޕުގެ ފަސްވަނަ ލިބެނީ އެމެރިކާއާ ގޯލްގެ ތަފާތުންނެވެ.

މެކްސިކޯ އަދި ކޮސްޓަރީކާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނީ 1-1 ގެ ނަތީޖާއިންނެވެ.

ކޮސްޓަރީކާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ މެކްސިކޯއިންނެވެ. މި ލަނޑަކީ ކޮސްޓަރީކާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ލަނޑާ އެކު ލީޑުގައި އޮވެ މެކްސިކޯއިން މެޗުގެ ފުރަތަމް ހާފު ނިންމާލި ނަމަވެސް މެޗުގެ 83 ވަނަ މިނެޓުގައި ކޮސްޓަރީކާއިން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވާޑް މާކޯ ޑެނީލޯ ޔުރެނާއެވެ.

މި ނަތީޖާއާ އެކުވެސް މި ގުރޫޕުގެ އެއްވަނަ ލިބެނީ މެކްސިކޯއަށެވެ. މެކްސިކޯއަށް އެއްވަނަ ލިބެނީ ކުޅުނު 8 މެޗުން ލިބުނު 18 ޕޮއިންޓާއެކުގައެވެ. މި ގުރޫޕުގެ ދެވަނަ ލިބެނީ ކޮސްޓަރީކާއަށެވެ. އަދި ތިންވަނަ ލިބެނީ ޕެނަމާއަށެވެ.
ކޮލިފައިންގައި ކުޅެވުނު އިތުރު މެޗަކަށް ބަލާއިރު ޕެނަމާ އަދި ޓްރިނިޑާޑް ޓޮބޭގޯ ބައްދަލު ކުރި މެޗު 0-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޕެނަމާއެވެ.

މީގެން ކޮންމެ ޓީމަކަށްވެސް ކޮލިފައިންގައި ބާކީ ދެން އޮންނާނީ ދެ މެޗެވެ. މި މެޗުތަށް ކުޅެވޭނީ އަންނަ މަހުގެ 5 އަދި 10 ގައެވެ.

މިއަދު އޮންލައިން