"ލަވަފޮށި" ގެ އަޑު މަލިކާއި ހަމައަށް ވެސް ފޯރައިފި

ކިޔުމަށް ހޭދަވާނީ 1މ 47ސ
"ލަވަފޮށި" ގެ އަޑު މަލިކާއި ހަމައަށް ވެސް ފޯރައިފި
ދިވެހި ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް، އެއް ޕްލެޓްފޯމަކުން ރާއްޖޭގެ ތަފާތު އެކި ފަންނާނުން ކިޔާ ދީފައިވާ ލަވަތަށް ފަސޭހައިން ހޯދާލެވޭނެ އެޕްލިކޭޝަނެއް ކަމަށްވާ "ލަވަފޮށި" މަލިކުގައި ވެސް ވަރަށް މަޤްބޫލު އެޕްލިކޭޝަނަކަށް ވެއްޖެއެވެ.

ލަވަފޮށީގެ ފައުންޑަރ އަދި ސީއީއޯ ޢަބްދުﷲ ނާޒިމް (އައްޅޮ) "މިއަދުނޫހަށް" މަޢުލޫމާތު ދެމުން ބުނެފައިވަނީ މަލިކުގައި ތިބި ދިވެހިންނަށް، "ލަވަފޮށި" ގައި ހިމެނޭ ދިވެހި ލަވަތަށް އަޑުއަހާލަން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ހަމައެކަނި ހުސް ދިވެހި ލަވަތަކާއި ޝޯތަށް ހިމެނޭ މިއެޕްލިކޭޝަން ގެ ސަބަބުން، އެބޭފުޅަކު އަޑުއަހާލަން ބޭނުންވާ ލަވަތަށް ފަސޭހައިން އަޑުއަހާލެވެއެވެ. އަދި މިހާރުވެސް މިއެޕްލިކޭޝަންގައި 10،000 އަށް ވުރެ ގިނަ ދިވެހި ލަވަ ހިމެނޭ ކަމަށް ލަވަފޮށި ގެ ފައުންޑަރ އަދި ސީއީއޯ ބުނެފައިވެއެވެ.

"ލަވަފޮށި ގައި އިންނާނެ ހަފްތާ ނިމުމަށް ވަކި ޕްލޭ ލިސްޓެއް ހަދާފަ. އެއީ 'ވީކެންޑް ޕްލޭލިސްޓް' ކިޔާ ޕްލޭލިސްޓެއް. ކޮންމެ ބުރާސްފަތި ދުވަހެއްގަ އެޕްލޭލިސްޓު ރިލީޒް ވާނީ" އައްޅޮ ބުންޏެވެ.

މީގެ އިތުރުން އައްޅޮ ބުނެފައިވަނީ އެކިއެކި އާޓިސްޓުންނާއި ގުޅިގެން މިހާރު، މިއުޒިކް އަލްބަމް ވެސް "ލަވަފޮށި" ގައި ރިލީޒް ކުރެވިފައިވާ ކަމަށެވެ. އެއީ އަދި ޓެސްޓް ވަރޝަން ކަމުގައިވީ ނަމަވެސް، މިއުޒިކް އަލްބަމްތަކަށް ވެސް ގިނަ ބަޔަކު ވަރަށް ތަރުޙީބު ދީފައިވާ ކަމަށް އައްޅޮ ބުނެފައިވެއެވެ.

"ވަރަށް ގިނަ އާޓިސްޓުން އެދުނު އެމީހުން ޕްރޮޑިއުސް ކުރާ މިއުޒިކް، އެއް ޕްލެޓްފޯމް އަކުން އަޑު އެހޭނެ ގޮތް ހަދާދިނުމަށް. ލަވަފޮއްޓަކީ އެފަދަ ޕްލެޓްފޯމެއް" އައްޅޮ ބުންޏެވެ.

ބީޓާ ވަރޝަން ދޫކުރާ "ލަވަފޮށި" އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ އައިސްފައިވަނީ ޢަލީ ހާރިސް އާއިއެކު 2016 ވަނަ އަހަރުއެވެ. ނަމަވެސް "ލަވަފޮށި" ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުނީ 2017 ވަނަ އަހަރުގެ ކުރީކޮޅު މުޙައްމަދު މިރުޝާން އާއިވެސް އެކުގައެވެ. ލަވަފޮށި ގައި ލަވަ ޕްރޮޑިއުސަރުންނާއި އާޓިސްޓުންނަށް ވަކިން ލޮގިންއެއް ހަދާފައިވާއިރު، އެމީހުންނަށް އަމިއްލައަށް ޕްރޮފައިލް ބެލެހެއްޓޭނެ ގޮތް ވެސް ހެދިފައިވެއެވެ.

މިއަދު އޮންލައިން