ސައުދިއަރަބިޔާގެ މިސްކިތެއްގައި މިދިއަ ހުކުރު ދުވަހު ހުކުރު ކުރެއްވި އިމާމަކު ސައުދީ ފުޓްބޯޅަ ޓީމަށް ލިބެމުން އަންނަ ކުރިއެރުންތަކުގެ ވާހަކަ ވިދާޅުވުމުން ގިނަ ބައަކު ހިތްހަމަނުޖެހި ރުޅިގަދަވެއްޖެއެވެ.
ހުކުރަށް ދިއަ ގިނަ މީހުން ބުނީ ޚުޠުބާގައި ފުޓްބޯޅަ އާއި އެހެންވެސް ކުޅިވަރުތަކުގެ ވާހަކަތައް ހިމަނަން ނުޖެހޭނެ ކަމަށެވެ. ފުޓްބޯޅަ އަކީ އިސްލާމް ދީނާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށާއި ޚުޠުބާގައި ހިމަނަންޖެހޭނީ އިސްލާމް ދީނާއި ގުޅުން ހުންނަ ކަންކަމުގެ ވާހަކަތައް ކަމަށެވެ.
އިމާމް ވިދާޅުވީ އަންނަ އަހަރު ރަސިއާގައި ބާއްވާ ފުޓްބޯޅަ މުބާރާތައް ސައުދީ ޓީމް ކޮލިފައިވި ވާހަކަ ވިދާޅުވީ ސައުދިއަރަބިޔާއަށް މާތްﷲ މިންވަރު ކުރައްވަވާ ނަޞްރުގެ ވާހަކަތައް ބަޔާންކުރެއްވުމަށް ކަމަށެވެ. އަދި ބައަކު އެކަން މައްސަލައަކަށް ނަގަނީ މުޖުތަމައުގައި މައްސަލަތައް އުފެއްދުމަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ޚުޠުބާގެ ކޮޕީއެއް ހުށަހެޅުއްވުމަށް އިމާމަށް އަންގައިފައެވެ.