ދެ އަންހެން ކުދިންނަށް ގަދަކަމުން ޖިންސީ ގޯނާކުރުމުގެ ކުށުގައި 20 އަހަރަށް ޖަލަށްލާފައިވާ ހިންދޫންގެ ރޫޙާނީ ލީޑަރު ރާމް ރަހިމްގެ މަރުކަޒުން އެސަރަހައްދުގައި ހުންނަ އަންހެނުންގެ ހޮސްޓަލަކަށް ދެވޭ ބިންގަރާހެއް ސަލާމަތީ ބާރުތަކުން ހޯދައިފިއެވެ.
މީގެ އިތުރުން ހުއްދަ ނުނަގައި ޤަވާއިދާއި ޚިލާފަށް މަރުކަޒުގައި ފަޓާސް އުފައްދާ ފެކްޓަރީއެއް ހިންގާކަން ވެސް ވަނީ ހާމަވެފައެވެ. މީގެ އިތުރުން އޭކޭ 47 ގެ މެގަޒިން އަކާއި ގިނަ އަދަދެއްގެ ވަގު ނޫޓްވެސް ވަނީ ފެނިފައެވެ.
ފުލުހުން ބުނީ ޖިންސީ ގުޅުން ހިންގަން ބޭނުންކުރަ ގިނަ އަދަދެއްގެ ވަސީލަތްތައްވެސް ފެނިފައިވާ ކަމަށެވެ. އަދި ރަޖިސްޓްރީ ނުކުރާ ވަރަށް އަގުބޮޑު ކާރެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިބާވަތުގެ ތަންތަނާއި މީހުންގެ ހަޤީޤަތް ހާމަވަނީ ކޮންމެވެސް ކަމަކާއި ގުޅިގެން ބަލައި ފާސްކުރުމުގެ ފުރުޞަތު ލިބޭ ފަހަރުތަކުގައެވެ. ރާމް ރަހިމް އަކީ އެތައް ޙާސް ބައަކު ކަލެއްގެ ފެންވަރުގައި އިޙްތިރާމްކުރާ މީހެކެވެ.