ޕިއާނިސްޓް ކަރަން ޖޯސެފް 12 ބުރީގެ އިމާރާތަކުން ފުންމާލައި އަމިއްލައަށް މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 17ސ
ޕިއާނިސްޓް ކަރަން ޖޯސެފް 12 ބުރީގެ އިމާރާތަކުން ފުންމާލައި އަމިއްލައަށް މަރުވެއްޖެ
އިންޑިއާގެ ބެންގަލޫރަށް އުފަން، މައްޝޫރު ޕިއާނިސްޓް ކަރަން ޖޯސެފް، މުމްބައި ގައި އޭނާ ދިރިއުޅޭ 12 ބުރީގެ އިމާރާތުން ފުންމާލައި އަމިއްލައަށް މަރުވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކަރަން އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުގެ ކުޑަ ދޮރުން އަމިއްލައަށް ފުންމާލީ މިއަދު ހެނދުނުއެވެ.

އިންޑިއާގެ ތަޙުޤީޤު ޓީމުން ބުނި ގޮތުގައި ކަރަން މީގެ މަހެއްހާ ދުވަސް ކުރިން މުމްބައި އަށް ގޮސް ދިރިއުޅުނީ އޭނާގެ ރައްޓެއްސެއް ކަމަށްވާ ރިޝީ ޝާހުއާއި އެކު، އެއިމާރާތުގެ 12 ވަނަ ބުރީގައެވެ. ޝާހުއާއި އެހެން ރައްޓެހިންތަކެއް ޓީވީ ބަލަން އިންދާ، ކުއްލިއަކަށް ކަރަން ކުޑަ ދޮރުން ބޭރަށް ފުންމާލީ ކަމަށް ޝާހު މައުލޫމާތު ދީފައިވެއެވެ. ވަގުތުން ފުލުހުންނަށް ގުޅާ، ކަރަން ގެ ހަށިގަނޑު ވެސް ބާބާ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް އެހޮސްޕިޓަލުން ބުނީ، ކަރަން ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަން އޭނާގެ ފޯނުފަދަ ތަކެތި ބަންޑްރާ ފުލުހުން ނަގާފައިވީ ނަމަވެސް، ފުލުހުން ބުނެފައިވަނީ ކަރަން އަމިއްލައަށް މަރުވީ ނަފްސާނީ ގޮތުން ބަލިކަށި ވެގެން ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

ކަރަން ޖޮސެފް ޕިއާނޯ ކުޅެން ފަށާފައިވަނީ އޭނާގެ އުމުރުން އެންމެ ފަސް އަހަރުގައެވެ. އަދި ބެންގަލޫރު ސްކޫލް އޮފް މިއުޒިކް އިން އެންމެ މަތީ ސަނަދާއިއެކު ކަރަން ފާސްވެފައިވެއެވެ. އޭގެ ފަހުން އެމެރިކާގެ ބޮސްޓަން ބަރކްލީ ކޮލެޖް އޮފް މިއުޒިކް އިން، ޕިއާނޯ ކުޅެން އިތުރަށް ދަސްކޮށް، އެދާއިރާގައި ކުރިއަށް ދިޔައެވެ.

މިއަދު އޮންލައިން