މިޔަންމާގައި ތިބި ރޮހިންޔާ މުސްލިމުންނާއިމެދު ހިންގާފައިވަނީ ޤަޠުލުޢާންމެއް ކަމަށާއި އެ މައްސަލަތައް ބައިނަލްއަޤްވާމީ ކޯޓަކުން ބަލައި މިޔަންމާގެ އިސްލީޑަރުންނާއިމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ބަންގްލަދޭޝްގެ ނޭޝަނަލް ކޮމިޝަން ފޮރ ހިޔުމަން ރައިޓްސްގެ ޗެއަރމަން ކާޒީ ރިޔާޒުލްހައްޤު ވިދާޅުވެއްޖެއެވެ.
އޭނާ މިކަން ހާމަކުރެއްވީ ބަންގްލަދޭޝްގައި ރޮހިންޔާ ރިފިޔުޖީން ތިބި ކޭމްޕުތަކަށް އާދިއްތަ ދުވަހު ކުރެއްވި ޒިޔާރަތަށް ފަހުގައެވެ. "މިކަމުގަ އަހަރެމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަހަރެމެން އެދެނީ އެހެން ޤައުމުތަކުންވެސް މިކަންކަން ބަލައި މިޔަންމާގެ އިސް ފަރާތްތަކަށް ފިޔަވަޅު އަޅަން މަސައްކަތްކޮށްދިނުން. ޚާއްޞަކޮށް އަސްކަރީ އިސްވެރިންނަށް."
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭއެޗް މަޙްމޫދު ޢަލީ ވެސް ވަނީ މިމައްސަލަ ފާހަގަކުރައްވައި މިއީ ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނނަންޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި މި ބޮޑު ޖަރީމާގެ ސަބަބުން 300،000 އަށްވުރެ ގިނަ ރިފިޔުޖީން ބަންގްލަދޭޝްއަށް އެތެރެވެފައިވާއިރު ބަންގްލަދޭޝްގައި ރިފިޔުޖީންގެ ގޮތުގައި ތިބި މީހުންގެ އަދަދު 700،000 އަރާފައިވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.
ބަންގްލަދޭޝްއަކީ ފުދުންތެރި ޤައުމަކަށްނުވާއިރު މިހައި ގިނަ އަދަދެއްގެ ރިފިޔުޖީން ބަލަހައްޓަންޖެހުމުން ގިނަ މައްސަލަތަކެއް މިހާރުވެސް ވަނީ ކުރިމަތިވެފައެވެ.