ޓްރަމްޕްގެ ރެލީގައި މަސައްކަތް ކުރި، ނަމަވެސް ފަހުން ކީރިތި ޤުރްއާން ގެ އަލީގައިވީ މުސްލިމަކަށް

ކިޔުމަށް ހޭދަވާނީ 2މ
ޓްރަމްޕްގެ ރެލީގައި މަސައްކަތް ކުރި، ނަމަވެސް ފަހުން ކީރިތި ޤުރްއާން ގެ އަލީގައިވީ މުސްލިމަކަށް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ މުސްލިމުންނާއި ވަރަށް އިދިކޮޅު މީހެއްކަން މުޅި ދުނިޔެއަށް ވެސް ހާމަވެފައިވެއެވެ. ޓްރަމްޕާއި ޓްރަމްޕަށް ދުރާއި ގާތުން މަސައްކަތް ކުރާ އެންމެންވެސް އަންނަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިފަހަކާއި ޖެހެން ދެން ވެސް މުސްލިމުންނަށް ފާޑު ކިޔާ އެކިއެކި ދުއްތުރާތައް ކުރަމުންނެވެ.

ޓްރަމްޕްގެ އެފަދަ ރެލީ އެއްގައި ބައިވެރިވި އެކަކީ ލީސާ އޭ. ޝޭންކްލިން އެވެ. ނަމަވެސް ފަހުން ލީސާވަނީ މާތް ﷲ އަކީ އެއްކައުވަންތަ އިލާޙުކަަމަށް ޤަބޫލުކޮށް އިސްލާމްވެފައެވެ.

ލީސާ ބުނިގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން، އޭނާ ކީރިތި ޤުރްއާން ކިޔަވަން ފެށީވެސް ޓްރަމްޕް ގެ ސަބަބުންނެވެ. މުސްލިމުން ދެކެ ޓްރަމްޕް ކުރާ ނަފްރަތާއި ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުން، އެއްދުވަހު ލީސާ ކީރިތި ޤުރްއާން އާއި ތަރުޖަމާ ކިޔަވަން ފެށިއެވެ.

ކީރިތި ޤުރުއާން ކިޔަވަން ފެށުމުން، މުސްލިމުންނާއި ބައްދަލުކޮށް އިތުރަށް އިސްލާމްދީނުގެ މަޢުލޫމާތު ލީސާ ހޯދިއެވެ. އެކަމުގެ ނަތީޖާއަކަށްވީ އިސްލާމްދީން އިޚްތިޔާރުކޮށް، މުސްލިމަކަށް ވުމެވެ.

މުސްލިމަކަށްވުމަށްފަހު ލީސާ ހިޖާބް ވެސް އެޅިއެވެ. ނަމަވެސް އެންމެ ފުރަތަމަ ހިޖާބު އަޅައިގެން އުޅުނީ ހަމައެކަނި ގޭތެރޭގައެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އޮތް އިނޯގްރޭޝަން ދުވަހު، ލީސާ ވަނީ އާއްމުންގެ ތެރޭގައިވެސް ހިޖާބް އަޅައިގެން އުޅެން ފަށާފައެވެ. އޭނާ ބުނި ގޮތުގައި ކުރިން އެންމެންގެ ތެރޭގައި ހިޖާބް އަޅައިގެން ނިކުންނަން އޭނާ ޖެހިލުންވީ، އެހެން މީހުން ހިތައް އަރާފާނެ އެއްޗަކަށް ވިސްނާފައެވެ. ނަމަވެސް ފަހުން އޭނާއަށް ހެޔޮ ވިސްނުނު ކަމަށާއި އޭނާ ހިޖާބް އެޅީ އޭނާއަށްޓަކައި ކަމަށް ފަހުން އޭނާވަނީ ބުނެފައެވެ.

"މުސްލިމަކަށްވީތީ ޓްރަމްޕް އަހަންނަށް ބެޖެއް ނުދޭނެކަން އިނގޭ. އެކަމަކު އަހަރެން ފަޚުރުވެރިކަމާއި އެކީ ހިޖާބް އަޅާނަން. އަދި އެހެން މީހުންނަށް ވެސް ތެދުމަގަށް އައުމަށް ގޮވާލާނަން" ލީސާ ބުނެފައިވެއެވެ.

މުސްލިމަކަށް ވުމަކީ ދިރިއުޅުމުގައި އޭނާއަށް ކުރެވުނު އެންމެ ރަނގަޅު ކަންތައްކަަމަށާއި މުސްލިމަކަށް ވުމަށްފަހު އޭނާގެ މުޅި ދިރިއުޅުން ވަރަށް ބޮޑަށް ބަދަލު ވެއްޖެ ކަމަށް ލީސާ ބުންޏެވެ. މުސްލިމަކަށް ވުމުން އޭނާގެ ދިރިއުޅުން ބާއްޖަވެރިވެ، އަލުން ދުނިޔެއަށް އައީ ކަމުގެ އިޙުސާސްވެސް ކުރެވެން ފެށި ކަމަށް ލީސާ ބުންޏެވެ.
މިއަދު އޮންލައިން