އިންޑިއާގެ ގުުގުރާމްގައި ހުންނަ ރިއާން އިންޓަރނޭޝަނަލް ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން ދިޔަ، އުމުރުން ހަތް އަހަރުގެ ޕްރަދްޔޫމަން ޓާކޫރް މަރާލީ، ޖިންސީ އަމަލު ހިންގަން އެއްބަސް ނުވުމުން ކަމަށް އޭނާ މަރާލި ބަސް ކޮންޑަކްޓަރ ބުނެފިއެވެ.
އުމުރުން 42 އަހަރުގެ އަޝޯކް ކުމާރު ބުނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހު، އޭނާ ފާހަނައިގާ ހުއްޓާ ޕްރަދްޔޫމަން ވެސް ވަތްކަމަށާއި، ޕްރަދްޔޫމަން ވަނުމުން އޭނާއާއި އެކު ޖިންސީ އަމަލު ހިންގަން މަސައްކަތް ކުރި ކަމަށެވެ.
ނަމަވެސް ޕްރަދްޔޫމަން އެކަމަށް ދެކޮޅު ހެދުމުން، ރުޅިއައިސްގެން ޖީބުގައި އޮތް ވަޅި ނަގާ ޕްރަދްޔޫމަން ގެ ކަރު ބުރިކޮށްލީ ކަމަށް އަޝޯކް ވަނީ ގުގުރާމް ޕޮލިސް ސްޓޭޝަންގައި އެއްބަސް ވެފައެވެ. ކަރުބުރިކޮށްލުމަށްފަހު އަތާއި ވަޅިދޮެވެ، ވަޅި ފާހާނާ ތެރެއަށް އެއްލާލާފައި އެތަނުން ދިޔައީ ކަމަށް ވެސް އަޝޯކް ބުންޏެވެ.
އުމުރުން ހަތް އަހަރުގެ ޕްރަދްޔޫމަން ގެ މަރާއި ގުޅިގެން ގިނަ ބަޔަކުވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައި، އަދި ޕްރަދްޔޫމަން ތަޢުލީމް ޙާސިލް ކުރަމުން ދިޔަ ރިއާން އިންޓަރނޭޝަނަލް ސްކޫލްގައި ތަޅުއެޅުވުމަށް ވެސް ވަނީ ގޮވާލާފައެވެ. އެގޮތުން ޕްރަދްޔޫމަންގެ މައިން ބަފައިން ބުނެފައިވަނީ އެސްކޫލް ބަންދު ކުރަން ޖެހޭ ކަމަށާއި ސްކޫލްގެ ޑައިރެކްޓަރ ރިއާން ޕިންޓޯ ހައްޔަރު ކުރަން ޖެހޭ ކަމަށް ވެސް ބުނެފައެވެ. މީގެ އިތުރުން، އެސްކޫލްގައި ދެން އެއްވެސް ކުއްޖަކަށް ކިޔަވާދީފިނަމަ، ސްކޫލުގައި ހުޅުޖަހާނެ ކަމަށް ވެސް މުޒާހަރާކުރި ބައެއް ބެލެނިވެރިން ވަނީ އިންޒާރުދީފައެވެ.
މިމައްސަލައިގެ ތަހުގީގުން އެންމެ ފަހުން ހާމަވެފައިވަނީ، އުމުރުން ހަތް އަހަރުގެ ޕްރަދްޔޫމަން އަށް އެއްވެސް ޖިންސީ ގޯނާއެއް ކޮށްފައި ނުވާ ކަމަށެވެ. ޕްރަދްޔޫމަން ގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމް ހެދި ޑރ. ދީޕަކް މާތޫރް އިއްޔެ ބުނެފައިވަނީ، ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ އެއްވެސް ނިޝާނެއް ޕްރަދްޔޫމަންގެ ހަށިގަނޑުގައި ފެންނަން ނެތް ކަމަށާއި ހަމައެކަނި ދީފައިހުރި އަނިޔާއަކީ އޭނާގެ ކަރުބުރި ކޮށްލުން ކަމަށެވެ.