ސިރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޤައުމު ދޫކޮށް ސައިޕްރަސްއަށް ހިޖުރަކޮށްގެންހުރި ހައްމާޝްއަށް އޭނާގެ އަނބިދަރިން އަހަރުތަކެއް ފަހުން ފެނުމުން ދަގަނޑުދާގަނޑެއްގެ ތެރެއިން ދަރިންނަށް ބޮސްދީފިއެވެ.
ރިފިޔުޖީއެއްގެ ގޮތުގައި ސައިޕްރަސްއަށް ހިޖުރަކޮށްގެންހުރި ހައްމާޝް އެއްވެސް އިރަކު އޭނާގެ އާއިލާ އާއި އަލުން ބައްދަލުވާނެ ކަމުގެ އުންމީދު ކަނޑައެއް ނުލައެވެ. އެގޮތުގައި ހުރިއިރު ކޮންމެ ދުވަހަކުވެސް އޭނާ ދިއައީ ރިފިޔުޖީންގެ ގޮތުގައި ސީރިޔާއިން އަންނަނީ ކޮން ބައެއްކަން ބަލަމުންނެވެ. ޢާއިލާގެ އެއްވެސް މީހަކު ފެނޭތޯ ބަލަމުންނެވެ.
މިމަހުގެ 10 ވަނަ ދުވަހަކީ ހައްމާޝްގެ ދިގު އިންތިޒާރަށް ނިމުން އައި ދުވަހެވެ. އޭނާއަށް ފެނުނީ 3 ދަރިންނާއި އަނބިމީހާ ރިފިޔުޖީން ގޮވައިގެން އައި ބޯޓަކުން އައިސްފައިބާ ތަނެވެ.
ކުރިމަތީގައި ހުރި ދަގަނޑުނަރުގެ ފެންސް ހުރަސްކޮށް އަނބިދަރިން ކައިރިއަށް ދިއުމަށް ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެކަން ކުރެވޭނެ ގޮތެއް ނެތެވެ. ފުލުހުން ބުނަމުން ދިއައީ ބައިގަޑިއެއްހައި އިރު މަޑުކޮށްލުމަށެވެ.
ހައްމާޝްގެ އަނބިދަރިންނަށް އޭނާ ފެނުމާއިއެކު ކެތެއް ނުކުރެވުނެވެ. ދުވެފައި އައީ ދަގަނޑުދާގަނޑު ކައިރިއަށެވެ. ދެން ފެނިގެން ދިއައީ ދާގަނޑު ހުރި ނަމަވެސް ދެ ފަރާތުން ވެސް ދާގަނޑު ހުރަސްކޮށް ބޮސްދެމުން ގެންދިއަ ތަނެވެ.
މިއީ މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް އުޅެންޖެހިފައިވާ ހާލަތުގެ ކުޑަ މިންވަރެކެވެ.