ގޮނޑުދޮށްތައް ސާފުކޮށް ބެލެހެއްޓުމަށް ބައިނަލްއަގްވާމީ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ގޮނޑުދޮށްތަކުން ލިބިދޭ ހިމާޔަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، އެމާހައުލާއި އެމާހައުލާ ގުޅިފައިވާ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ބާރުއެޅުމެވެ. އަދި މިފަދައިން، އެންމެން ގުޅިގެން، ގޮނޑުދޮށްތަކަށް ދިމާވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މިދުވަސް ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ ތިންވަނަ ހޮނުހިރު ދުވަހު ފާހަގަ ކުރާތާ މިއަހަރަށް 30 އަހަރުވެއްޖެއެވެ. މިއަހަރު މިދުވަސް ދިމާވީ ސެޕްޓެންބަރު 16 ވަނަ ދުވަހަށެވެ. މިއަހަރު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޖޯޝާއިއެކު މިދުވަސް ފާހަގަކުރެވުމަކީ އުފާވެރި ޚަބަރެކެވެ.
ފަހުގެ ތާރީހުގައި ޕްލާސްޓިކު ފަދަ ތާފަތު ބާވަތުގެ ފާނާނުވަނިވި ކުނީގެ ސަބަބުން ގޮނޑުދޮށްތަކަށްވަނީ ގިނަ ގުނަ ނޭދެވޭ އަސަރުތައްކޮށްފައިއެވެ. އިގުތިސާދާއި، އިންސާނާގެ ސިއްހަތާއި އަދި ތަފާތު އެހެނިހެން ދިރުންތަކަށްވެސް މިކަމުގެ ނޭދެވޭ އަސަރުތައް މިވަނީ ތަހައްމަލުކުރަންޖެހިފައިއެވެ. ގޮނޑުދޮށްތަކާއި އެސަރަހައްދުތަކާއި ގުޅިފައިވާ މާހައުލުތަކަށް ކުނިއެޅުމުގެ ސަބަބުން ދިވެހިންގެ މައި ލޭނާރު ކަމުގައިވާ މަސްވެރިކަން ހީނަރުވެދާނެކަމަށް ފަހުގެ އިލްމީ ދިރާސާތަކުން ދައްކައެވެ. ޝައްކެއްނެތް ގޮތުގައި ފަނާނުވަނިވި ކުނީގެ ސަބަބުން ގުދުރަތީ މާހައުލުތައް މިދަނީ ތަގައްޔަރުވަމުންނެވެ. އިލްމީ ހަމައަކުން މި މައުޟޫއަށް ތަސައްވަރު ކޮއްލުމަށް ތަފާސްހިސާބުތަކަށް ބަލާލަމާ ހިނގާށެވެ.
• އާއްމުކޮށް މިބޭނުންކުރާ ޕްލާސްޓިކު ކޮތަޅު އީޖާދުކޮށްފައިވަނީ 1950 ވަނަ އަހަރުއެވެ. ވިދިގެން އައި 10 އަހަރު ތެރޭގައި 5 މިލިއަން ޓަނުގެ ޕްލާސްޓިކު ވަނީ އުފައްދާފައިއެވެ. އަދި 2015 އާއި ހަމައަށް ޖުމްލަ 8.3 ބިލިއަން ޓަނުގެ ޕްލާސްޓިކު ކޮތަޅުވަނީ އުފައްދާފައިއެވެ. މީގެ ބޮޑުބައެއް އަދަދުގެ ގޮތުން ހިއްސާކުރަނީ ޕްލާސްޓިކު ކޮތަޅާއި ޕްލާސްޓިކް ފުޅިއެވެ.
• މިހާތަނަށް އުފައްދާފައިވާ ޕްލާސްޓިކްގެ ތެރެއިން 50 އިން ސައްތައަކީ 2000 ގެ އަހަރުތަކުގެ ފަހުން އުފައްދާފައިވާ ތަކެއްޗެވެ.
• ދުނިޔޭގައި އުފައްދާފައިވާ މިފަދަ އެންމެހައި ޕްލާސްޓިކުގެ ތެރެއިން 80 އިން ސައްތަ މިވަގުތުވަނީ ކުނީގެ ގޮތުގައި އުކާލާފައިއެވެ. މިތަކެތިވަނީ އަޅުގަނޑުމެންގެ ގުދުރަތީ އެކިއެކި މާހައުލަތުގައި ހަރުލާފައިއެވެ.
• ޕްލާސްޓިކުގެ މައްސަލައަކީ ނުހަނު ބޮޑު މައްސަލައެއް ނަމަވެސް، 'ރީސައިކަލް' ކުރުން ނުވަތަ ދެވަނަ ފަހަރު ބޭނުންކުރާ މިންވަރު އަދިވެސް ވަރަށް ދަށެވެ. މިސާލަކަށް ބަލާއިރު. ޕްލާސްޓިކު ފުޅީގެ އެންމެ 7 އިން ސައްތައަކީ 'ރީސައިކަލްޑް' ނުވަތަ ދެވަނަ ފަހަރު ބޭނުންކޮށްފައިވާ ޕްލާސްޓިކުން އުފައްދާފައިވާ ފުޅިއެވެ.
• 2016 ވަނަ އަހަރުގައި ޔޫ.އެން.އެންވަޔަރަންމަންޓް ގެ ރިޕޯޓެއްގައި، އަހަރަކު 8 މިލިއަން ޓަނުގެ ޕްލާސްޓިކު ކަނޑަށް އަޅާކަމަށް ވަނީ އަންދާޒާކޮށްފައިއެވެ. މިގޮތުން، 2050 އަށް ވާއިރު، ދުނިޔޭގެ ކަނޑުތަކުގައިވާ ޕްލާސްޓިކުގެ ބަރުދަން އެންމެހައި މަސްމަހާމެހީގެ ބަރުދަނަށްވުރެ މަތިވާނެކަމަށް ލަފާކުރެއެވެ.
ކަނޑުތަކުގައި ޕްލާސްޓިކު އިތުރުވަމުން ދިއުމާއެކު އެހެނިހެންވެސް މައްސަލަތައް ކުރިމަތިކުރުވައެވެ. ކަނޑުގެ އޮއިވަރާއިއެކު މިފަދަ ޕްލާސްޓިކު އެއް ސަރަހައްދަކަށް ޖަމާވެ، އެއާއިއެކި އެއްމާހައުލުން އަނެއް މާހައުލަށް އެކިއެކި ދިރުންތަކާއި ޖަނަވާރުތައް ގެންދެއެވެ. އަދި މިފަދައިން އަލަށް ތައާރަފުވާ ދިރުންތަކާއި ޖަނަވާރުތަކުގެ ސަބަބުން އެސަރަހައްދެއްގެ ގުދުރަތީ ނިޒާމަށް ބަދަލުތަކެއް އައުން އެކީ އެކަށީގެންވާކަމެކެވެ. މާކަނޑުގައި މިފަދައިން ޖަމާވާ ޕްލާސްޓިކާއި ކުންޏަކީ އޭގެ ބޮޑުމިނަށް ބަލާއިރު އަޅުގަނޑުމެން ހައިރާންވާންޖެހޭ ބޮޑު ތަކެއްޗެވެ. މިގޮތުން ޕެސިފިކް ކަނޑުގައިވާ 'ދަ ގްރޭޓް ޕެސިފިކް ގާރބްޖް ޕެޗް' ގެ ޖުމްލަ ސައިޒު ފަރަންސޭސިވިލާތައްވުރެ ދެގުނަ ބޮޑުކަމަށް މިހާރު ޔަގީންކުރެވެއެވެ. އަދި އ.ދ. ގެ ތިމާވެއްޓާއިބެހޭ ޖަމިއްޔާއިން ލަފާކުރާ ގޮތުގައި މި ކުނިގަނޑު ޖައްވުން ބަލާއިރުވެސް ކައިރި މުސްތަޤުބަލުގައި ފެންނާނެއެވެ.
މިފަދައިން އަޅުގަނޑުމެންގެ ކަނޑުގައި ޕްލާސްޓިކު ކުނި އިތުރުވެއްޖެނަމަ އިއާދަނުކުރެވޭ އަދި ފޫނުބެއްދޭ ފަދަ އެކިއެކި ގެއްލުންތަކާއި ކުރިމަތިލާންޖެހޭނެއެވެ. ތަފާތު އެކި ފޫނިސޫއްޕާއިސޫފި އަދި މަސްމަހާއިމެހި މިފަފަ ޕްލާސްޓިކަކީ އެސޮރުމެންގެ ކާނާކަމަށް ހީކޮށް އޮޅިގެން ކައިހަދައެވެ. މިކަމުގެ ސަބަބުން އެސޮރުމެންގެ ފުރާނައަށް ގެއްލުންވާ ހާލަތްތައްވެސްވަނީ ނުހަނު ގިނައިން މެދުވެރިވެފައިއެވެ. އަދި އިންސާނާގެ ކާނާގެ ޒަރީއާއިން މިފަދަ ޕްލާސްޓިކު އިންސާނާގެ ހަށިގަނޑަށް ވާސިލުވެއެވެ. މީގެ ސަބަބުން ތަފާތު އެކި ސިއްހީ މައްސަލަ ދިމާވާނެކަމީ ޑަކުޓަރުންނާއި ސައިންސްވެރިން އެއްބަސްވާނޭކަމެކެވެ. މީގެ އިތުރުން، ޕްލާސްޓިކު ފުނޑުފުނޑުވެ 'މައިކްރޯ ޕްލާސްޓިކް' އަށް ބަދަލުވުމަކީ ދިރާސާތަކުން ދައްކާ ހަގީގަތެކެވެ. އަދި މިފަދަ މައިކްރޯ ޕްލާސިޓް ކާނާގެ ތެރެއިންފެނުމުގެ އިތުރުން، އަޅުގަނޑުމެން ބުއިމަށް ބޭނުންކުރާ ފެނަށް ވާސިލްވާކަމުގައި ސައިންސްގެ ހޯދުންތަކުން ދައްކައެވެ.
ޝައްކެއްނެތް ގޮތުގައި އަޅުގަނޑުމެން އުކާލާ ޕްލާސްޓިކު އަނބުރާ އަޅުގަނޑުމެންގެ ހަށިގަނޑަށް މިދަނީ ވަންނަމުންނެވެ. އެހެންކަމުން، މިކަމަށް ދުރަލާ ވިސްނައި، ފަރުދީ ފެންވަރުގައިއާއި، ޖަމާއަތުގެ ފެންވަރުގައި ކުރެވޭނޭ ކަންކަން ބަލައި، ގުޅިގެން، އެއް ރޫހެއްގައި މިކަމަށް ހައްލެއް ހޯދުމަށް މިވަނީ ޖެހިފައިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީ