މިޔަންމާގެ ރަޚައިން ސްޓޭޓުގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން، އެހީގެ ޝިޕްމަންޓަކާއިއެކު ދިޔަ ރެޑް ކްރޮސްގެ ޓީމެއް ހުއްޓުވަން، މިޔަންމާ ބުދިސްޓުންތަކެއް މަސައްކަތް ކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން މިޔަންމާ ބުދިސްޓުންވަނީ ރެޑް ކްރޮސްގެ ޓީމާއި ދިމާލަށް ޕެޓްރޯލް ބޮންތަކެއް އުކާފައެވެ. އެހަމަލާތައް އެމީހުން ހުއްޓާލާފައިވަނީ ފުލުހުން (އެކަން ހުއްޓުވުމަށް) ވަޔަށް ބަޑި ޖެހުމުންނެވެ.
މިދިޔަ އޯގަސްޓް މަހުގެ 25 އިން ފެށިގެން މިޔަންމާ ސަރުކާރާއި ބުދިސްޓުން ދެމުން ގެންދިޔަ ލާއިންސާނީ ހަމަލާތަކަށް ކެތްނުކުރެވިގެން، އަވައްޓެރި ބަންގްލަދޭޝް އަށް 420،000 ރޮހިންޔާ މުސްލިމުން ދަތުރުކޮށްފައިވެއެވެ.
ނަމަވެސް އަދިވެސް ރަޚައިން ސްޓޭޓުގެ އެކި ކަންކޮޅުތަކުގައި ރޮހިންޔާ މުސްލިމުން ފިލާ ތިބި ކަމަށާއި އެމީހުން ތިބީ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ އެހީތެރިކަން ބޭނުންވެފައި ކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަވެއެވެ.
އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) ގެ މިދަތުރަކީ، މިޔަންމާގައި މިހާރު ތިބި ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ކޮށްފައިވާ ދަތުރެކެވެ. ނަމަވެސް ގިނަ އަދަދެއްގެ ބުދިސްޓުންވަނީ، 50 ޓަނުގެ އެހީއާއިއެކު އައި އެބޯޓު ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ.
"އެމީހުން ދިޔައީ ދަގަނޑު ދަނޑިބުރިއާއި އެއްޗެހި ހިފައިގެން، އަދި ޕެޓްރޯލް ބޮން ވެސް އުކި. ބުދިސްޓުންގެ އެހަމަލާ ހުއްޓާލީ ގާތްގަނޑަކަށް 200 އެއްހާ ފުލުހުން، ވަޔަށް ބަޑިޖެހުމުން" މިމަންޒަރު ނުހަނު ގާތުން ދުއް މީހަކު ރޫޓާރސްއަށް ކިޔާދީފައިވެއެވެ.