ޕީއާރްސީ ފުޓްބޯޅަ މުބާރާތުގެ 8 ވަނަ މެޗު މާފުށި ޕްރިޒަން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 21ސ
ޕީއާރްސީ ފުޓްބޯޅަ މުބާރާތުގެ 8 ވަނަ މެޗު މާފުށި ޕްރިޒަން ކާމިޔާބުކޮށްފި
ޕްރިޒަން ކްލަބުން އިންތިޒާމް ކޮށްގެން މިހާރުކުރިއަށްދާ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ 8 ވަނަ މެޗު މާފުށި ޕްރިޒަން އިން ކާމިޔާބުކޮށްފިއެވެ.

މި މެޗު އެޓީމުން ކާމިޔާބުކުރީ ޓީމު އައްސޭރިއާއި ވާދަކޮށް 4-2 އިންނެވެ.

މި މެޗުގައި މާފުށި ޕްރިޒަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޖައިލަމް ޖަމީލާއި އަހުމަދު ނައުފަލް އާއި ޢަބްދުﷲ މުހައްމަދު އެވެ. މީގެތެރެއިން ޖައިލަމް ޖަމީލު ވަނީ ދެލަނޑު ކާމިޔާބުކޮށްދީފައެވެ. ޓީމު އައްސޭރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނިޝާން އަހުމަދު އާއި ޢަލީ ޝާޖިދު އެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މާފުށި ޕްރިޒަން ޓީމުގެ އަހުމަދު ނައުފަލް އެވެ.

މި މެޗާއެކު ފުރަތަމަބުރުގެ ހުރިހާ މެޗަކުން މޮޅުވެ މާފުށި ޕްރިޒަން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމު އެޗްކިއު އާއި މާލޭ ޕްރިޒަން އެވެ.

މި މުބާރާތަކީ އެމް.ސީ.އެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި ގުޅުން ބަދަހިކޮށް ކުޅިވަރުގެ ރޫޙް އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް އޮފިސަރުންނާއި މުވައްޒަފުން ޝަޢުޤުވެރިކުރުވުމާއި އެމްސީއެސް ގައިތިބި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ހުނަރު ތަރައްޤީ ކުރުމަށް، އެ ކުޅުންތެރިންނަށް ފުރުޞަތު ހޯދައި ދިނުމާއި ފުޓްބޯޅަ ކުޅުމަށް ޝަޢުޤުވެރިވާ އޮފިސަރުންނާއި މުވައްޒަފުންނަށް އެރޮނގުން ފުރުޞަތު ތަނަވަސްކޮށްދީ ކުރިޔަށް ދިއުމަށް މަގުފަހިކޮށްދިނުމާއި އެމް.ސީ.އެސްގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.
މިއަދު އޮންލައިން