ޔޫއްޕެއާއިއެކު އެކްޓު ކުރުމަކީ ޝާޙްރުކް އާއިއެކު އެކްޓު ކުރުން ފަދަ ކަމެއް- ޖާދު

ކިޔުމަށް ހޭދަވާނީ 3މ 19ސ
ޔޫއްޕެއާއިއެކު އެކްޓު ކުރުމަކީ ޝާޙްރުކް އާއިއެކު އެކްޓު ކުރުން ފަދަ ކަމެއް- ޖާދު
ޖާދުއްﷲ އިސްމާއިލް ނުވަތަ އާއްމު ނަމުންނަމަ "ޖާދު" އަކީ ފިލްމީ ދާއިރާއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ހުނަރުވެރި ފަންނާނެއްކަމީ މުޅި ދިވެހި ފިލްމު އިންޑަސްޓްރީ ވެސް އެއްބަސްވާނެ ކަމެއްކަން ޔަޤީނެވެ.

އޭނާއަކީ މޮޅު ޑިޒައިނަރެއް، މޭކަޕް އާޓިސްޓެއް، ކޮރިއޯގްރާފަރެއްގެ އިތުރުން އެހާމެ މޮޅު އެކްޓަރެއް ވެސް މެއެވެ. ދިވެހި ފިލްމީ ތަރިންލާ ހެދުންތައް އާދަޔާ ޚިލާފު ރީތި ގޮތްގޮތައް ފަރުމާކޮށް، އެތަރިންގެ ރީތިކަން އިތުރަށް ފުރިހަމަކޮށް ދިނުމަށްފަހު، މިހާރު ޖާދުއަކީ ވެސް އެތަރިންނާއިއެކު ކެމެރާގެ ކުރިމަތީގައި އެކްޓު ކުރާ ފަންނާނެކެވެ.

މީގެ ކުރިންވެސް އެކިއެކި ލަވަތަކުން ފެނިފައިވާ ޖާދު، ދެން އެންމެ އަވަހަށް ފެނިގެންދާނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއަރ ކުރާ "ނޭދެން ވަކިވާކަށް" މިފިލްމުންނެވެ. މިއީ ޖާދުގެ ފުރަތަމަ ފީޗަރ ފިލްމުކަމަށް ވާއިރު، ކުރެވުނު ތަޖުރިބާއާއިމެދު ޖާދު ބުނެފައިވަނީ އޭނާ ދުވަހަކުވެސް މީގެކުރިން ފިލްމު ކުޅެން ޚިޔާލުކޮށްފައި ނުވާ ކަމަށެވެ.

"ދުވަހަކު ވެސް މީގެ ކުރިން ޚިޔާލެއް ނުކުރަން ފިލްމެއް ކުޅޭކަށް. ފިލްމެއް ކުޅެން ބޭނުން ވެފައެއް ވެސް ނޫން ހުރީ. އެކަމަކު 'ނޭދެން ވަކިވާކަށް' ޓީމުން މިއޮފަރ ދިނުމުން ކަންތައްތަކަކަށް ބަލާފަ މިފިލްމު ކުޅެން އެއްބަސްވީ" 'މިއަދުނޫހަށް' ދިން ޚާއްސަ އިންޓަރވިއު އެއްގައި ޖާދު ބުންޏެވެ.

"ބެލިން ފިލްމުގެ ކާސްޓިންގ ގައި ދެން ތިބީ ކޮން ބައެއްތޯ. އެގޮތުން ބަލާލިއިރު ތިބީ މިދާއިރާގެ ވަރަށް ސީނިއަރ އެކްޓަރުން. މިސާލަކަށް ބުނާނަމަ ޔޫއްޕެ. ޔޫއްޕެ އަކީ މިހާރު ދިވެހި ފިލްމީ ދާއިރާގައި ހުރި ނަންބަރ 1 އެކްޓަރ. އެކަމަކު ޔޫއްޕެ އަޅުގަނޑަށް ލީޑް ދީފަ ސައިޑް ރޯލް ކުޅެނީ. ޔޫއްޕެއާއިއެކު އެކްޓު ކުރުމަކީ ޝާހްރުކް ޚާން އާއިއެކު އެކްޓު ކުރުން ފަދަ ކަމެއް" ޖާދު ބުންޏެވެ.

މީ ޕްރޮޑަކްޝަން ގެ "ނޭދެން ވަކިވާކަށް" މިފިލްމާއިމެދު މީގެއިތުުރުން ޖާދު ބުނެފައިވަނީ ފިލްމުގައި އަންހެން ލީޑް ރޯލްކުޅޭ ފާތުމަތު އަޒީފާ (އަޒޫ) ގެ ވެސް ވަރަށް އެހީތެރިކަން ލިބުން ކަމަށާއި އަޒޫއަކީ ޖާދުގެ ކޮއްކޮ އެއް ފަދަ ކުއްޖަކަށްވުމުން އޭނާއާއިއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށެވެ. އަދި އެފިލްމުގެ ވާހަކަ ލިޔެދިން މަހުދީ ގެ ވާހަކަވެސް އެހާމެ ރީތިކަން ޖާދު ފާހަގަ ކުރިއެވެ.

ޖާދުއަކީ މީގެ ކުރިންވެސް ކެމެރާ ކުރިމަތިން ފެނިފައިވާ މޫނަކަށްވާތީ، ނަމަވެސް އެއީ ހަމައެކަނި ލަވަތަކުން ކަމަށްވެފައި މިފަހަރު ފިލްމެއްގައި މަސައްކަތް ކުރަން ޖެހުން ދިމާވީ ކޮން ދަތިކަންތައްތަކަކާއިތޯ ސުވާލު ކުރުމުން ޖާދު ބުނީ ފިލްމުތަކާއި ލަވަތަކާއި ވަރަށް ތަފާތު ކަމަށާއި، އެގޮތުން ޝޫޓިންގ އަށް ދިޔުމުގެ ކުރިން ވަރަށް ތައްޔާރީތަކެއް ވާން ޖެހޭ ކަމަށް ވެސް ޖާދު ބުންޏެވެ.

"އަނެއްހެން ޝޫޓަކަށް ނުނަގާ މާގިނަ ވަގުތެއް ރެޑީ ވާކަށް. ދެން ޝޫޓިންގ ކުރިއަށް ދިޔައިރުވެސް ޔޫއްޕެ، ކަނޑި ވިސާމް އަދި ސައީދު ގެ ވަރަށް ބޮޑު އެހީތެރި ކަމެއް ލިބުން" ޖާދު މައުލޫމާތު ދިނެވެ.

މިއީ ފިލްމަކުން ޖާދު ފެންނަ އެންމެ ފުރަތަމަ ފިލްމުކަމަށްވާއިރު، ކުރިއަށް އޮތްތާނގައި އެހެން ފިލްމަކުން ޖާދު ފެނިގެން ދާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ އެހެން ފިލްމެއްގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެއީ ކޮން ފިލްމެއްކަން އަދި ބުނެވެން ނެތް ކަމަށެވެ.

ޖާދު ބުނި ގޮތުގައި ދިވެހި ފިލްމު އިންޑަސްޓްރީ އަކީ އޭނާ ވަރަށް ލޯބިވާ އަދި އެހާމެ އެކުވެރި އިންޑަސްޓްރީއެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް ސަޕޯޓްކުރާ އެކްޓްރެސް އެއް ނިއުމާ އަކީ. އެންމެ ފުރަތަމަ އަޅުގަނޑު ލަވައަކުން އެއްގައި އެކްޓު ކުރީވެސް ނިއުމާއާއިއެކު. އެއްބަނޑު ދައްތައެއް ކަހަލަ މީހެއް އެއީ. މީގެ އިތުރުން މިދާއިރާގައި އަޅުގަނޑަށް ވަރަށް އެހީތެރިވާ ފަރާތެއް ފާތުމަތު ނަހުލާއަކީވެސް. ނަހޫގެ ކޮންމެ ފިލްމެއްގެ ވެސް މަސައްކަތްތަކުގައި އަޅުގަނޑަށް ވަރަށް ފުުރުސަތު ލިބޭ" ޖާދު ބުންޏެވެ.
މިއަދު އޮންލައިން