އިންޑިއާ ޓީޗަރަކު ސަރުކާރު ޕްރައިމަރީ ސްކޫލެއްގެ ގްރޭޑް އެކެއްގައި ތައުލީމު ޙާސިލް ކުރަމުން ދިޔަ ކުޑަ ކުއްޖެއްގެ ކަންފަތްމަތީގައި މާބާރަށް ޖެހުމުގެ ސަބަބުން އެކުއްޖާ މަރުވެއްޖެއެވެ.
ޕާސީނަގަރް އަށް އުފަން ބިންދޫ ރާމް (ގުއްޑޫ) ގެ އުމުރަކީ އެންމެ އަށް އަހަރެވެ. މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، އެޓީޗަރު ގުއްޑޫއަށް އަނިޔާކޮށްފައިވަނީ 23 ސެޕްޓެމްބަރ 2017 ވީ ހޮނިހިރު ދުވަހެވެ. އަދި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އެކުއްޖާ މަރުވީ 24 ސެޕްޓެމްބަރ 2017 ގައެވެ.
ގުއްޑޫގެ ބައްޕަ ރަވީ ރާމް، ޑުގްރީ ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެޓީޗަރު ގުއްޑޫގެ ކަންފަތްމަތީގައި ވަރަށް ބާރަށް ޖެހި ވާހަކަ ހޮނިހިރު ދުވަހު ސްކޫލުން ނިމިގެން ގެއަށް ގޮސް ގުއްޑޫ ބުނި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ކަންފަތަށް ތަދުވާ ކަމަށް ބުނުމުން، ސިވިލް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުނެ، އެކުއްޖާގެ ތޫރި ފަޅައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ވެސް ރަވީ މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ރަވީ ބުނެފައިވަނީ، އެޓީޗަރު ގުއްޑޫއާއި ދިމާލަށް ނޭދެވޭ ހަރުކަށި ބަސްތަކުން މުޚާތަބު ކުރާތާ އަށްވަރަކަށް ދިހަ ވަރަކަށް ދުވަސް ވިކަމަށާއި، އެމައްސަލަ ސްކޫލުގެ ކަމާއި ބެހޭ އިސް ފަރާތަތަކަށް ޖެއްސުމުން، އެމައްސަލަ ނުބަލާ އޭނާ އެތަނުން ފޮނުވާލި ކަމަށެވެ.
އެޓީޗަރާއި ސްކޫލާއި ދެކޮޅަށް ބިންދޫ ރާމް (ގުއްޑޫ) ގެ މައިންބަފައިން މިހާރުވަނީ ދައުވާ ކޮށްފައެވެ. އަދި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އިންޑިއާެ މީޑިއާތަކަށް ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.