ކޯން ބަނޭނގާ ކްރޯޑްޕަތީގައި އަމީތާބު ބޭނުންކުރި ހުރިހާ ހެދުންތައް ފަޤީރުންނަށް ހަދިޔާކުރަން ނިންމައިފިއެވެ.
އަމީތާބު މިކަން ހާމަކުރީ މިހާރު ކުރިއަށްދާ އެ ސިލްސިލާގައި ރޭ ގެނެސްދިން ޚާއްސަ އެޕިސޯޑުގައެވެ.
ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީވުމަށް ކޮންމެ ހަފުތާއަކުވެސް ގެނެސްދޭ ޚާއްސަ އެޕިސޯޑުގައި ރޭ ޚާއްސަކޮށްފައިވަނީ ފަޤީރުންނަށް އެހީވުމުގެގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ގޫންޖު އޮގަނައިޒޭޝަން އެވެ.
އެގޮތުން އެ ޖަމިއްޔާއިން އަންނަނީ އިންޑިއާގެ ފަޤީރުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް މުއްސަނދިންނާއި ކުންފުނިތަކަށްގޮސް އެހީ ހޯދަމުންނެވެ. ނަމަވެސް އެމީހުން ހޯދަނީ ފައިސާގެ އެހީއެއް ނޫނެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަންނައުނާއި ކާތަކެއްޗެވެ.
ގޫންޖު އޮގަނައިޒޭޝަނުން ބުނީ އެފަދަ ފަޤީރުންނަށް ބޭނުންވަނީ ގިނަ ފައިސާތަކެއް ނޫން ކަމަށެވެ. ނަމަވެސް ބަނޑުފުރާނަމުއްތިކޮށްގެން، އެހެންމީހުންނެކޭވެސް އެއްގޮތަށް އަންނައުނާއި ކާބޯތަކެތި ލިބުނަސް ދުނިޔޭގައި ތިބެވޭނެ ކަމަށެވެ.
މި އެޕިސޯޑުގައި އަމީތާބު ބުނީ ކޯން ބަނޭނގާ ކުރޯޑްޕަތީގައި އޭނާ ބޭނުންކުރާ ކޮސްޓިއުމްސް (ހެދުން) އަކީ ދެވަނަ ފަހަރަށް ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި އެހެންވެ އެ ހުރިހާ އެއްޗެއް އެ ޖަމިއްޔާ މެދުވެރިކޮށް ފަޤީރުންނަށް ހަދިޔާކުރަން ބޭނުން ކަމަށެވެ.
އަމީތާބު ބުނީ އެތަކެތީގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާނެކަމަށް އުއްމީދުކުރާ ކަމަށެވެ.