ފިލްމީ ދާއިރާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ވަރަށް ހޫނު ތަރުހީބެއްދީ، އިޚްތިރާމްކޮށް ޤަދަރުކުރާ ދާއިރާއެކެވެ. ނަމަވެސް ރާއްޖޭގައި މިދާއިރާއަކީ ގިނަ މީހުން ވަރަށް ފާޑުކިޔާ ދާއިރާއެކެވެ. ޚާއްސަކޮށް އަލަށް ނިކުންނަ ފަންނާނަކަށް ހަޖޫ ޖެހުމަކީ ގިނަ ދިވެހިން ވަރަށް ކުރާ ހިތްވާ ކަމެކެވެ.
އެފަދަ އެއް ތަރިއަކީ، އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު އޮލިމްޕަސް ސްކްރީންގައި އެޅުވުމަށް ތައްޔާރުވެފައިވާ، ދިވެހި ފިލްމު "ބޮސް" ގެ ފިރިހެން ލީޑް ރޯލް ކުޅޭ މުޙައްމަދު ޔުނާން އެވެ. މިދާއިރާއަށް މުޅިން އަލަށް ތަޢާރަފްވާ ޔުނާން، ދިވެހި ފިލްމު އިންޑަސްޓްރީ ސިފަ ކޮށްފައިވަނީ "ވަރަށް ސަޅި ދާއިރާއެއް" ގެ ގޮތުގައެވެ.
"މިއަދުނޫހަށް" ދިން ޚާއްސަ އިންޓަރވިއު އެއްގައި ޔުނާން ބުނެފައިވަނީ، މީހުން މިދާއިރާއާއި ދޭތެރޭ ދެކޭ ގޮތް ވަރަށް "ކަޑަ" ކަމަށާއި، "އެއީ ފިލްމީ ދާއިރާގައި އުޅޭ މީހުންގެ ޙަޤީޤަތް ނޭނގޭތީ" ކަމަށެވެ. އަދި މިއީ ވަރަށް ސަޅި ދާއިރާއެއް ކަމަށް ވެސް ޔުނާން ބުނެފައިވެއެވެ.
ނަމަވެސް ޔުނާން ބުނިގޮތުގައި، މިދާއިރާއަކީ "ކަމާކަންފަށާ ކުރާކަށް" ރަނގަޅު ދާއިރާއެއް ނޫން ކަމަށެވެ. ވަޒީފާއިން ކެނޑިގެން ކުރަން ނުފެންނަ ކަމަށާއި ނަމަވެސް ވަޒީފާއެއްގައި އުޅެމުން ލިބޭ ވަގުތު ރަނގަޅަށް މެނޭޖްކޮށްގެން ކުރަން ހަމަ ސަޅި ދާއިރާއެއް ކަމަށް ޔުނާން ބުންޏެވެ.
މިހާރުވެސް ގިނަ އަންހެން ކުދިންގެ ހިތްތައް ކަތިލަމުންދާ ޔުނާން، ދިވެހި ފިލްމީ ދާއިރާއަށް އެންމެ ފުރަތަމަ ޝައުޤުވެރިކަން އުފެދުނީ އޭނާގެ އުމުރުން 13 ނުވަތަ 14 އަހަރުގައި، ކުޅަދާނަ އެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ފިލްމެއް ބެލުމަށް ފަހުއެވެ.
"އެހެން ގެއަކަށް އެއިރު ޓީވީ ބަލަން ދަނީ. ދެން އެއްދުުވަހު 'ޤުރުބާނީ' ކިޔާ ފިލްމެއް ބެލިން. އޭގައި އުޅެނީ ޔޫއްޕެ. އެފިލްމުން ޔޫއްޕެގެ އެކްޓިންގ ފެނިފަ ޝައުޤުވެރިވީ ފިލްމެއް ކުޅެން" ޔުނާން ބުންޏެވެ.
ކްރިސްޓަލް އެންޓަރޓެއިންމެންޓް ގެ ޕްރޮޑަކްޝަން އެއް ކަމަށްވާ ފިލްމު "ބޮސް" އަކީ ފާތުމަތު ނަހުލާ ޕްރޮޑިއުސްކޮށް އައިޝަތު ރިޝްމީ ޑައިރެކްޓް ކުރާ ފިލްމެކެވެ. ދާއިރާގައި މިހާރުވެސް ފުންނާބު އުސް ދެފަންނާނުންގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން، ކުރެވުނީ ކޮންކަހަލަ ތަޖުރިބާއެއްތޯ ސުވާލު ކުރުމުން ޔުނާން ބުނީ ކުރެވުނީ ވަރަށް ވެސް ފުރިހަމަ ތަޖުރިބާއެއް ކަމަށެވެ. އެގޮތުން ކުޅެން އެންމެ އުނދަގޫވީ ކޮން މަންޒަރުތަކެއްތޯ ސުވާލު ކުރުމުން ޔުނާން ބުނީ ކުޅެން އުނދަގޫވި އެއްވެސް މަންޒަރެއް އަނެއްހެން ނެތް ކަމަށާއި ޔުނާން އެންމެ ކުޅޭ ހިތްވަނީވެސް ހިތާމަވެރި މަންޒަރުތައް ކަމަށެވެ.
"ޔުނާން އެންމެ ކުޅޭ ހިތްވަނީ ދެރަވާ މަންޒަރުތައް. ދެން ހެދޭ މިސްޓޭކްސްތައް ރަނގަޅު ކޮށްދިން ނަހޫ އާއި ރިޝްމީ. ކިރިޔާވެސް އެންމެ ފުރަތަމަ އުނދަގޫވީ ކަރުނަ ގެންނަން. އެކަމަކު ނަހޫގެ ޑައިލޮގްތައް އަސަރުގަދަ ކަމުން، އެޑައިލޮގްތަކަށް ވަރަށް ބޮޑަށް ވަދެވުން. އެހެންވެ ފަހުން އެކަންވެސް އަނެއްހެން އުނދަގުލެއް ނޫން" ޔަޤީންކަމާއިއެކު ޔުނާން ބުންޏެވެ.
އެމް.ޑަބްލިއު.އެސް.ސީ ގައި މިހާރުވެސް ބުރަކޮށް މަސައްކަތް ކުރަމުންދާ މުޙައްމަދު ޔުނާން ބުނިގޮތުގައި އޭނާއަށް މިދާއިރާގައި ކުރިއަށްދާން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެއް ފަރާތަކީ އެމް.ޑަބްލިއު.އެސް.ސީ ގެ މެނޭޖްމެންޓެވެ. ޝޫޓިންގ އޮންނަ ދުވަސްތަކުގައި ޑިއުޓީގަޑި ވަކި ގޮތަކަށް ހަމަޖައްސާ ދިނުމުގެ އިތުރުން، އެމަސައްކަތަށް ވަރަށް ބޮޑަށް ހިތްވަރު ވެސް ދިނެވެ.
"އެމް.ޑަބްލިއު.އެސް.ސީ އިން ވަރަށް ހިތްވަރު ދިން ފިލްމު ކުޅެން. މެނޭޖްމެންޓުން ހަމަ ފުލް ސަޕޯޓް ދީ ޑިއުޓީ ގަޑިވެސް އެޖަސްޓް ކޮށްދިން. މިފުރުސަތުގަ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން މެނޭޖްމަންޓަށް. އޭގެ އިތުރުން ވައިފް އާއި ފެމިލީ ވެސް ވަރަށް ހިތްވަރުދިން"
ފިލްމީ ދާއިރާގެ ތެރެއިން އެންމެންވެސް ޔުނާން އަށް އެހީތެރިވެދިން ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ނަހޫ، އާއި ރިޝްމީ އަދި ރަވީ ވެސް ވަރަށް އެހީތެރި ވެދިންކަން ޔުނާން ފާހަގަ ކުރިއެވެ.
"ދާއިރާ ތެރޭގަ އުޅެންވާނެ ގޮތާ ހުރިހާ އެއްޗެއްހެން ހަމަ އެންމެ ރަނގަޅަށް ކިޔާ ދިން ރަވީ. ރަވީ އަކީ އެންބަނޑު އެއްބަފާ ނޫނަސް، ހަމަ ބްރަދަރ އެއް. އެއީ ހަމަ 'މޭން' އެއް" ރަވީއަށް ވަރަށް ފުރިހަމަ ސަނާއެއް ކިޔަމުން ޔުނާން ބުންޏެވެ.