ދިރާގަށް 29 އަހަރު ފުރުމުގެ މުނާސަބަތުގައި، އެކުންފުނީގެ މުވައްޒަފުންނަށް ދިރާގު ހެޑް އޮފީހުގައިވަނީ ވަރަށް ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯގްމެންޓަޑް ރިއަލިޓީ ކެމްޕެއިނެއް ވެސް ދިރާގުން މިއަދު ފައްޓާފައިވެއެވެ. އޯގްމެންޓަޑް ރިއަލިޓީ މޮބައިލް ފޯނުގެ ޒަރީޢާއިން ތަޖުރިބާ ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް މާލެއާއި އަތޮޅުތެރޭގެ ކޮފީޝޮޕްތަކުން އެޕް މެދުވެރިކޮށް ގުރުއަތުން ހޮވޭ ފަރާތްތަކަށް ހިލޭ ކޮފީ ލިބުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގަށް 29 އަހަރު ފުރިފައިވާއިރު، ހާސިލްކޮށްފައިވާ ލަނޑުދަނޑިތައް ވަރަށް ވެސް ގިނައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކީ ދިރާގަކީ %99 ދިވެހި ހީވާގި މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ދިވެހިންގެ ކުންފުންޔެއް ކަމެވެ. މީގެއިތުރުން ހަފްތާއަކު ހަތް ދުވަހު 24 ގަޑީރު ހިދުމަތްދޭ ކޯލް ސެންޓަރ 123 އަދި އޮންލައިން ލައިވް ޗެޓް، މައި އެކައުންޓް ސަރވިސް އަދި ކުއްފުނީގެ ކަސްޓަމަރ އެކްސްޕީރިއަންސް ސެންޓަރަކީ ރާއްޖޭގައި މުޅިން އަލަށް ދިރާގުން ތަޢާރަފްކުރި ކަންކަމެވެ.
މިއަހަރަށް ބަލާކަމުގައިވާނަމަ، ދުނިޔޭގެ އާންމު ދިރިއުޅުމުގައި ޑިޖިޓަލް ޓެކްނޮލޮޖޯގެ ދައުރު ފުޅާވެ ބޮޑުވަމުންދާ އެއްވަރަށް ދިވެހިންގެ ދިރިއުޅުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން އެހީތެރިވެ ދިނުމަށް، މުޅިން އައު ކުލައަކާއި ލޯގޯ އަކާއިއެކު ދިރާގު ވަނީ ރީބްރޭންޑް ކުރެވިފައެވެ. މިއަހަރުގެ މެއި މަހު ދިރާގު ރީބްރޭންޑްކޮށް، އުފައްދާފައިވާ ޝިއާރަކީ "ޓޭކް އޮން ޓުމޯރޯ" އެވެ.
މިޝިއާރުގެ ދަށުން މިއަހަރު "ދިރާގު ޓީވީ" ގެ ނަމުގައި އައިޕީޓީވީ ގެ ހިދުމަތް ތަޢާރަފް ކުރިއެވެ. ދިރާގު ޓީވީގައި މިހާރު 80 އަށްވުރެ ގިނަ ޗެނެލްތައް ލިބެން ހުރެއެވެ. މީގެއިތުރުން ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް މިއަހަރު މިހާތަނަށް 12 ރަށެއްގައި ގާއިމްކޮށް ދިނެވެ.ރާއްޖެއަށް މުޅިން އަލަށް އޯގްމެންޓެޑް ރިއަލިޓީ އެޕްލިކޭޝަނެއް ތަޢާރަފް ކުރީވެސް ދިރާގުންނެވެ. "އާރް ބީ ކުއެސްޓް" ގެ ނަމުގައި މިއެޕް މިދިޔަ ސެޕްޓެމްބަރ މަހު ތަޢާރަފް ކޮށްފައިވެއެވެ.
މީގެއިތުރުން ފަންނާނުންނަށް އެމީހުންގެ މިއުޒިކާއި ލަވަ ގެނެސްދެވޭނެ ގޮތަށް ބައިނަލްއަޤްވާމީ މިއުޒިކް ސްޓްރީމިންގ ހިދުމަތެއް ކަމުގައިވާ ޔޮންޑަރ މިއުޒިކް، ދިރާގުން ތައާރަފް ކުރިއެވެ. އަދި މިއަހަރު ބޭއްވި ދިރާގު ގެސްޓްހައުސް ކޮންފެރެންސްގައި ދިރާގު ގެސްޓްހައުސް ޓީވީގެ ނަމުގައި އައު ހިދުމަތެއްގެ ޑިމޮންސްޓްރޭޝަން ވެސް އެކުންފުނިން ދައްކާލާފައިވެއެވެ.
އިޖުތިމާއީ ޒިންމާގެ ދަށުން ދިރާގުން ވަނީ މިދިޔަ އަހަރު "ފޯ ދި އޯޝަންސް" ގެ ނަމުގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ކެމްޕެއިނެއްގައި ޕާލޭ މޯލްޑިވްސްއާއި އެކު ބައިވެރިވެފައެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުމުގެ ގޮތުން މިހާރު ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ ދިރާގު ރޯޑް ރޭހަކީވެސް، ކުޑަކުދިން ރައްކާތެރި ކުރުމުގެ ޝިޔާރުގަައި ދިރާގުން ބާއްވަމުން އަންނަ ރޭހެކެވެ.