މަޝްހޫރު ވިޔަފާރިވެރިޔާ ރިޗަރޑް ބްރެންސަން ސައުދިއަރަބިޔާގައި ރިޒޯޓް ތަރައްޤީކުރަން ނިންމައިފިއެވެ.
އޭނާ އިންވެސްޓްކުރާނީ ސައުދިއަރަބިޔާއިން މެދުތެރޭކަނޑުގައި ސައުދީގެ ޤާނޫނު ނުހިނގާ ގޮތަށް ތަރައްޤީކުރަން ކުރަން ހަމަޖައްސާފައިވާ 50 ރިޒޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއަށެވެ.
ވަރޖިން އެއަރލައިންގެ ފައުންޑަރ، ރިޗަރޑްް ބްރެންސަން ވެފައިވަނީ މި މަޝްރޫއުގައި އިންވެސްޓްކުރަން ޝައުޤުވެރިކަން ހާމަކުރި ފުރަތަމަ ބައިނަލްއަޤްވާމީ އިންވެސްޓަރަށެވެ.
ސައުދިއަރަބިޔާއިން މި 50 ރިޒޯޓް ތަރައްޤީކުރަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ހުޅުވާލައިގެންނެވެ. އަދި އެ ރިޒޯޓުތައް ހިންގާނީ ސައުދިއަރަބިޔާގެ ޤާނޫނުން ބޭރުގައި ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. އެހެންކަމުން މި ރިޒޯޓުތަކުގައި ބަނގުރަލާއި އެހެންވެސް ހަރާމްތަކެތީގެ ވިޔަފާރި ކުރުން ހުއްދަކުރާނެކަމަށް ބަލައި ބައެއް ދީނީ އިލްމުވެރިން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ނަމަވެސް އަދި މިހައިތަނަށް މި މަޝްރޫއުގެ ފުރިހަމަ ތަފްޞީލުތައް ސައުދީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ސައުދީ ސަރުކާރުން ބުނެފައިވަނީ މަޝްރޫއުގެ ބޭނުމަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ފުރުޞަތު ހުޅުވާލައި ޤައުމުގެ އިޤްޠިޞާދަށް ކުރިެރުން ހޯދުން ކަމަށެވެ.