ލަސް ވެގަސް ގައި އޮތް ކޮންސެޓެއް ބަލަށް ދިޔަ ބަޔަކާއި ދިމާލަށް، ދިން ބަޑީގެ ހަމަލާއެއްގެ ސަބަބުން މިހާތަނަށް 50 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެއްޖެއެވެ.
މިހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ ރޭ، މަންޑަލޭ ބޭ ރިސޯޓް އެންޑް ކެސީނޯ ގެ އިމާރާތެއްގައި އޮތް ފެސްޓިވަލެއްގެ ބޭރުންނެވެ.
ލަސް ވެގަސް ގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓް ތަކުން ބުނެފައިވަނީ، ހަމަލާ ދިން މީހާ ބަޑި ޖަހާފައިވަނީ މަންޑަލޭ ބޭ ހޮޓެލް ގެ 32 ވަނަ ފަންގިފިލާގައި ހުރެގެން ކަމަށެވެ.
މިހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ މީހަކު، ފުލުހުން ދިން ހަމަލާއެއްގައި މަރުވެފައިވާ ކަމަށް ވެސް އޮފިޝަލަކު ބުނެފައިވެއެވެ.
ކޮންސެޓް ގައި އެވަގުތު ހުރި، ކޯލް ވަޓްސަން ނަމަކަށް ކިޔާ މީހަކު ބުނީ، ބަޑިޖަހަން ފެށުމުން އެންމެ ފުރަތަމަ އެމީހުން ހީކުރީ "ބަޔަކު ހަވާ އަރުވަން ފެށީ ކަމަށް" ކަމަށެވެ. ނަމަވެސް ބަޑިޖަހަނީކަން އެނގުމުން އެންމެންވެސް ވީހާވެސް އަވަހަކަށް، ސަލާމަތްވާން މަސައްކަތް ކުރި ކަމަށާއި އެއީ ބިރުވެރި މަންޒަރެއް ކަމަށް ވެސް ވަޓްސަން ބުންޏެވެ.