2015 ވަނަ އަހަރު ހަރަމްފުޅު ތެރެއަށް ސޭލާއެއް ވެއްޓި 107 ހައްޖުވެރިން މަރުވި މައްސަލަ ސައުދިއަރަބިޔާގެ ކޯޓުން ބަލައި ނިންމާލައިފިއެވެ. ކޯޓުން ނިންމީ އެކަމުގައި ބިންލާދިން ގްރޫޕުގެ މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުން ބޭނުން ނަމަ އަދިވެސް މައްސަލަ އިސްތިއުނާފްކުރެވިދާނެއެވެ.
ބިންލާދިން ގްރޫޕުން ކޯޓުގައި ބުނެފައިވަނީ އާދައާ ޚިލާފަށް ބާރުގަދަ ތޫފާނެއް އަތުވެދާނެ ކަމުގެ މައުލޫމާތު އެއްވެސް ވަރަކަށް ލިބިފައި ނުވާ ކަމަށެވެ. ސޭލާ ތިރިނުކޮށް ޢާންމު އުޞޫލުން ބޭއްވުނީ އެފަދަ މައުލޫމާތެއް ލިބިފައި ނެތުމުން ކަމަށެވެ.
ޙަރަމްފުޅު ބޮޑުކޮށް ތަރައްޤީކުރުމަށް ސައުދީ ސަރުކާރުން ހިންގި ބޮޑު މަޝްރޫއުގެ އެންމެ ގިނަ މަސައްކަތްތައް ކޮށްފައިވަނީ ބިންލާދިން ގްރޫޕުންނެވެ. ސޭލާ ވެއްޓުނު ހާދިސާ އާއި ގުޅިގެން ބިލްތައް ނުދައްކައި ލަސްކުރުމުން ކުންފުންޏަށް ވަނީ ވަރަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް ސައުދީ ސަރުކާރުން ފަހުން ވަނީ އެ މައްސަލަތައް ހައްލުކޮށްދީފައެވެ.