މީ ޕްރޮޑަކްޝަން ގެ އުފެއްދުމެއް ކަމަށްވާ "ނޭދެން ވަކިވާކަށް" ފިލްމުގެ ވަދާއީ ދެ ޝޯވ އޮކްޓޯބަރ މަހުގެ 5 އަދި 6 ވާބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާއިރު، އަތޮޅު ތެރޭގައިވެސް މިފިލްމު މިހާރު އަޅުވަމުން އެބަދެއެވެ.
ފިލްމުގެ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނީ ބ. އޭދަފުށީ ގައާއި ނ. މަނަދޫގައި މިރޭވެސް މިފިލްމު އަޅުވާފައިވާ ކަމަށާއި، މިމަހުގެ 10 ގައި ކުޑަވިލިނގިލި ގައި ފިލްމު އަޅުވަން ހަމަޖެހިފައިވާއިރު އޮކްޓޯބަރ މަހުގެ 12،13،14 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށި ގައި ވެސް މިފިލްމު އަޅުވަން ހަމަޖެހިފައިވާ ކަމަށް މާއެނބޫ މައުލޫމާތު ދިނެވެ.
"ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިފިލްމު އަޅުވަން ބޭނުން. މިހާރުވެސް ފިލްމު އަޅުވަން ގުޅާ ހުރިހާ ރަށެއްގައި ވެސް ފިލްމު އަޅުވަން ހަމަޖައްސަމުން މިދަނީ. މިފިލްމު އަޅުުވަން ބޭނުންވާ ހުރިހާ ރަށެއްގައި ވެސް ފިލްމު އަޅުވާ ދޭނަން" ފިލްމުގެ ޑައިރެކްޓަރ ބުންޏެވެ.