ފަލަސްޠީނުގެ މައްސަލަތައް ހައްލުކުރުމަށް ސައުދިއަރަބިޔާއިން ރަސިއާ އާއިއެކު މަސައްތްތައް ފަށަން މަޝްވަރާކޮށްފިއެވެ.
މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ ސަލްމާން ރަސްގެފާނުގެ ރަސިއާ ދަތުރުފުޅުގެ ތެރެއިން ރަސިއާގެ ބޮޑުވަޒީރާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރު ވަނީ ފަލަސްޠީނުގެ މައްސަލަތައް ހައްލުކުރަން އެހީތެރިވެދޭން ރަސިއާ އޮތީ ތައްޔާރަށްކަމަށް ބުނެފައިކަމަށް ސައުދީ ނޫސް އެޖެންސީތަކުން ބުނެއެވެ. "ފަލަސްޠީނުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނެސްދިނުމަށް މަސައްކަތްކޮށްދޭން ތައްޔާރަށް އޮތްކަން ރަސިއާ އިން ވަނީ ހާމަކޮށްފަ. މީގެ އިތުރުން މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރަން އެހީތެރިވެދިނުމަށްވެސް ރަސިއާ އިން ވަނީ ވައުދުވެފަ."
މިބައްދަލުކުރެއްވުމުގައި ސަލްމާން ރަސްގެފާނު ވިދާޅުވީ ސައުދިއަރަބިޔާއަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެނެސްދެއްވަން މަސައްކަތްޅު ކުރައްވަމުން ގެންދަވާ ކަމަށާއި 2030 އަންނައިރު ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ.
ސައުދިއަރަބިޔާއިން ފަލަސްޠީނުގެ މައްސަލަތައް ހައްލުކުރަން ރަސިއާގެ އެހީތެރިކަމަށް އެދިފައި މިވަނީ އެމެރިކާއިން އެކަން ނުކުރާނެ ކަމުގެ ޔަޤީންކަން ސައުދިއަރަބިޔާއަށް ލިބުމުން ކަމަށް ބެލެވެއެވެ. ޗައިނާއިން ވެސް ވަނީ ފަލަސްޠީނުގެ މައްސަލައިގައި އެހީތެރިވެދޭނެކަން ހާމަކޮށްފައެވެ.