ބޮލީވުޑްގެ ސުޕަރސްޓާރުން ކަމުގައިވާ ރިތިކް ރޯޝަން އާއި ކަންގްނާ ރަނާވަތު ގެ ކޯޅުންގަނޑާއި ބެހޭ ގޮތުން ތަފާތު އެކިއެކި ޚަބަރުތައް ވަނީ ފެތުރިފައެވެ. މީގެ ކުރިން ހަމައެކަނި ކަންގްނާ ދެއްކި ވާހަކަތައް އިވުން ކަމުގައި ވިޔަސް، ބޮލީވުޑްގެ ހާޓް-ތުރޮބް ރިތިކް ރޯޝަން ވެސް އެންމެ ފަހުން މިވަނީ އެކަމާއި ބެހޭ ގޮތުން އެއްޗެއް ބުނެފައެވެ.
ރިތިކް އަކީ އާއްމުގޮތެއްގައި އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަ މީޑިއާ އާއި މާބޮޑަށް ހިއްސާ ކުރާ މީހެއް ނޫނެވެ. ނަމަވެސް ވަރަށް ފަހުން، އިންޑިއާގެ ރިޕަބްލިކް ޓީވީގެ އަރްނަބް ގޯސްވާމީއަށް ދިން ޚާއްސަ އިންޓަރވިއު އެއްގައި އޭނާ ބުނެފައިވަނީ މީޑިއާއާއި އޭގެން ބައެއް ވާހަކަތައް ހިއްސާ ކުރަން ނިންމީ، ކަންތައްތައް މާމައްޗަށް ދިޔުމުން ކަމަށެވެ.
ކަންގްނާ އާއި ރިތިކް އާއި ދެމެދު ލޯބީގެ ގުޅުމެއް އުފެދުނުކަމަށް ކަންގްނާ ވަނީ ބުނެފައެވެ. އެކަންތައް ރިތިކް ދޮގުކުރުމުން، ކަންގްނާ "ވުމެންސް ރައިޓްސް އެންޖީއޯ" އެއްގެ އެހީތެރިކަމަށް އެދުން ކަމަށާއި ނަމަވެސް ރިތިކްގެ އާއިލާއިން އެއެންޖީއޯ ގެ މީހުންނަށް ފައިސާދީ އަނގަ ބަންދު ކޮށްލާ ކަންގްނާ އެކަނިވެރި ކޮށްލީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. މީޑިއާ ރިޕޯޓުތަކަށް ފަހުން އެރި އަޑަކީ، ރިތިކް އާއި ސުޒޭން ޚާންގެ 17 އަހަރުވީ ކައިވެނި ވެސް ރޫޅުނީ ކަންގްނާ އާއި ހެދި ކަމަށެވެ. ރިތިކް އާއި ކަންގްނާ އާދަޔާ ޚިލާފަށް ކައިރިވުމުން އެކަމާއި ސުޒޭން ހިތްހަމަ ނުޖެހިގެން ވަރިއަށް އެދުނީ ކަމަށް ބައެއް ރިޕޯޓުތަކުގައި ތުހުމަތު ކޮށްފައިވެއެވެ.
މިކަމަށް ރައްދު ދެމުން ރިތިކް ރޯޝަން ބުނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެދެމީހުން ވަކިވީ އެފަދަ އެއްވެސް ކަމެއް ދިމާވެގެން ނޫން ކަމަށެވެ.
"އަހަރުމެންގެ ކައިވެނި ރޫޅުނީ އެއްވެސް ރުޅިވެރިކަމެއް ނުވަތަ އެފަދަ ކަމެއް ދިމާވެގެން ނޫން ކަމަށާއި އެކަކު އަނެކަކަށް ބޭވަފާތެރި ވެގެން ނޫންކަން ސުޒޭން ވެސް ވާނީ ވަރަށް ސާފުކޮށް ކިޔާދީފަ. އެކަމަކު ވެސް ބައެއް މީހުންނަށް އަބަދުވެސް ހީވަނީ، ކައިވެންޏެއް ރޫޅެންޏާ ރޫޅެނީ ފިރިހެން މީހާގެ ކޮންމެވެސް މައްސަލައެއް އޮވެގެންނޭ. ރިތިކްއަކީ ސުޕާސްޓާރެކޭ އެހެންވީމަ ކޮންމެވެސް އެހެން ކަންތައްގަނޑެއް ފަށައިގެން އެކަން އަންހެނުންނަށް އެނގިގެންނޭ ވަރިވާން އެއެދުނީ، މިއީ ބައެއް މީހުންގެ ހިތައް އަރާ އެއްޗެހި. އެކަމަކު ކަމުގެ އަސްލަކީ މިއެއް ނޫން. ކައިވެންޏެއް ރޫޅިދާނެ ބައިވަރު ސަބަބުތައްވޭ. ބޭވަފާތެރި ވުމަކީ އޭގެން އެއްކަންތައް. އެކަމަކު އަހަރުމެންގެ ކައިވެނި ރޫޅުނީ އެފަދައިންނެއް ނޫން. އަހަރުމެން ދެމީހުންނަކީ ވެސް އެކަކު އަނެކަކުގެ ވަރަށް ގާތް ދެރައްޓެހިން. ދެމީހުންގެ ކައިވެނި ރޫޅުނު ސަބަބު އޮންނާނީ އަހަރުމެން ދެމީހުންގެ ދެމެދުގައި" ރިތިކް ރޯޝަން ބުންޏެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި، ކަންގްނާ ފަތުރައިގެން އުޅޭ "ދޮގު" ވާހަކަތަކާއި ބެހޭ ގޮތުން އެއްޗެއް ބުނަން ރިިތިކްއަށް އެންމެ ބޮޑަށް ބާރުއެޅީ ވެސް ސުޒޭން އެވެ. ކަންގްނާ އާއި ރިތިކް ގެ ގުޅުމާއި ބެހޭ ގޮތުން ސުޒޭން ބުނެފައިވަނީ، ރިތިކް ދައްކާ ވާހަކަ އޭނާ ޤަބޫލު ކުރާ ކަމަށާއި، ކައިވެނި ކޮށްގެން ހުރެ ބާބްރާ މޯރީ އާއިއެކު ގުޅުމެއް ހިންގި ވާހަކަ ރިތިކް ތެދުތެދައް ބުނެފައިވާއިރު، މިހާރު ވަރިވެގެން ތިބިއިރު ރިތިކްގެ އެއްވެސް ލޯބީގެ ގުޅުމަކާއި ބެހޭ ގޮތުން ދޮގު ހަދާނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.